އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ ސްރީލަންކާގައި ދިން ޙަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ސްރީލަންކާގައި ދިން ޙަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށެވެ.

"ކޮންމެ މަޤްޞަދެއްގައި ވިޔަސް، އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބަޔަކަށް، އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫން. ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން." ރައީސް ވިދާޅުވިއެވެ.

ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިވެސް ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި މިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ކުރަމުންދާ، ބައިނަލްއަޤްވާމީ އިޤްތިޞާދީ ދަތުރުތަކަށް، ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައިވެސް، ދިވެހި ސިފައިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.

"އަޅުގަނޑުމެން މި ރާއްޖެ ބިނާކުރުމުގެ މަސައްކަތް މި ކުރަނީ، މި ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން. އެހެންކަމުން، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިފައިންނަކީ ޢަސްކަރީ ޚިދުމަތަކަށް ވިޔަސް، ދިވެހި ސިފައިންނަކީ މަދަނީ އެތައް ޚިދުމަތެއް ފޯރުކޮށްދިނުމުގައި، މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދެނީ ދިވެހި ސިފައިން ކަމަށެވެ. "ކަނޑުމަތީގެ ހާދިސާތަކާއި ޤުދްރަތީ ކާރިސާތަކުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީވެސް ސިފައިން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    އެހެންވީމާ ދިވެހިރާއްޖޭ ބެލުހެއްޓުން އިންޑިއާ ސިފައިންނާ ހަވާލު ކުރަންވީނު.

    8
    1