ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަނީ ޑިއޯލް، އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ އަށް ސޮއިކޮށް، ސިޔާސީ ދާއިރާއަށް ނުކުމެއްޖެއެވެ.

އިއްޔެ ސަނީ ވަނީ އެ ޕާޓީއަށް ސޮއިކޮށް ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ ފޯމް ހަވާލުކޮށްފަ އެވެ. އެ ހަފުލާގައި ޔުނިއަން ރެއިލްވޭ މިނިސްޓަރު ޕިޔޫޝް ގޯޔަލް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ނިރްމަލާ ބުނެފައިވަނީ ސަނީ ޑިއޯލް ފަދަ ގިނަ ބައެއްގެ ސަޕޯރޓް އޮންނަ އެކްޓަރަކު އެ ޕާޓީއަށް ސޮއިކުރުމަކީ އެ ޕާޓީއަށް ލިބިގެންދާ ބޮޑު ފަޚުރެއް ކަމަށެވެ. އަދި ސަނީގެ ހިދުމަތްތައް ޕާޓީ އަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަނީ ބުނީ އެ ޕާޓީއާ ގުޅި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސީ މަސައްކަތުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބީޖޭޕީއަކީ އޭނާގެ އާ އާއިލާ ކަމަށް ސިފަ ކުރަމުން ކުރިއަށް އޮތް ތަނުގައި އޭނާ ސިޔާސީ ދާއިރާއިން މަސައްކަތް ކުރައްވާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

ސަނީގެ ބައްޕަ އަދި މަޝްހޫރު އެކްޓަރ ދަރްމެންދުރާ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖްޕާއީއާ އާއިއެކު މަސައްކަތް ކުރި ގޮތަށް އޭނާ ވެސް މޯދީއާއި އެކު މަސައްކަތް ކުރާތަން ފެނިގެން ދާނެކަމަށް ވެސް ސަނީ ވަނީ ބުނެފައެވެ. އަދި ދަރްމިންދުރާ ވަނީ 2004- 2009 އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަން ކުރައްވާފައެވެ.

ސަނީގެ ދޮންމަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނި އަކީ މިހާރު ވެސް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު