ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ އާއި ޗިކަންގުންޏާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިރުތުވަމުން އެވެ.

މިކަމާ ގުޅިގެން މިއަދު ހެލްތް ޕޮރޮޓެކްޝަން އޭޖެންސީއިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޑެންގީއާއި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށެވެ.

އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް މިއަދު ބޭއްވި ބައްދަލުވުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑީ މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން ކަމަށާއި އޭގެއިތުރުން ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށް ވާ އީޑީސް މަދިރި މަދުކުރަން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އަދި މި ޕްރޮގްރާމްތައް އާންމުންގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިއަށް ގެންދެވިއްޖެނަމަ މަދިރި އާލާވާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ގިނަ ވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު 500 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

މަދިރި ފެތުރޭ މިންވަރު މަދުކުރުމަށް އެޗްޕީއޭ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތް ތަކެއްވަނީ އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ޑެންގީ އާއި ޗިކުންގުންޔާގެ ކްލިނިކަލް މެނޭޖްމެންޓާ ބެހޭ ޓެލެކޮންފަރެންސެއް 15 އަތޮޅެއްގައި ހިމެނޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުދިސްތު

    ލަންކާއާ އެކު ދިވެހީން ވާން ޖެހޭނެ. ލަންކާއަކީ ދިވެހީންގެ އަސްލު. އެކަމެއް އުވިގެންނެއް ނުދާނެ ބަޔަކު ކިތަންމެ ވަރަކަށް އެ ހަގީގަތް ފޮރުވަން އުޅުނަސް

  2. ނަބާޒު

    ތިޔަ ބައްޔެއް ދުވަސްތަކަކަށްފަހު ފެތުރެމުން މިޖަޒީރާ ތަކުގައި ދާއިރު މަސްއޫލު ވާފަރާތުން ޒިއްމާ އެބަ އުފުލޭބާއޭ ހިތަށްއަރާ. ކިޔަވައިގެންތިބި ފައްނީ މުއައްޒަފުން މަދެއްނޫން.ސިއްހަތަށް ދައުލަތުން ވަރަށްބޮޑު ހޭދައެއް އެބަކުރޭ.އަށާރަ ވަނަގަރުނުގައި ވެސް ރޯގާއެއް ފެށުމުން ކަންކަން ކުރީވަރަށް ޒިއްމާދާރު ކަމާއެކުކަން ތާރީކު ބުނޭ.