އޯލެވެލް ކިޔަވާ ކުދިންގެ ފެންވަރު ރަގަނޅުކޮށް އޯލެވެލް އިމްތިހާނުގައި ކުދިން ރަގަނޅު ނަތީޖާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ކްލިކް ކޮލެޖުން ހިލޭ ސާބަހަށް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ސެޝަންތަށް ކުރިއަށް ގެންދިޔުމަށް އެދުރުންނާއި އެކު އެއްބަސަވުމުގައި ސޮއިކުރެއްވުމަށް މިއަދު ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކްލިކް ކޮލެޖުގެ އެދުރެއް ކަމުގައިވާ މުހައްމަދު އިޤްބާލް ވިދާޅުވީ އެ ސެޝަންތަކަކީ އޯލެވެންގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކްލިކް ކޮލެޖުގެ އެދުރުން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސެޝަންތަކެއް ކަމުގައެވެ. އަދި އެ ސެޝަންތަކުގައި ގްރޭޑް 8 އިން ފެށިގެން 10 ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުން ކުރިއަށް ގެންދަން ނިންމާފައި މިވާ ސެޝަން ތަކަކީ އޯލެވެލް ހަދާ ކުދިންނަށް ހާއްސަކުރެވިގެން ހިންގާ ސެޝަންތަކެއް. މި ސެޝަންތަކުގައި ގްރޭޑް 8 އިން ފެށިގެން 10 ގެ ދަރިވަރުންނަށް ބައިވެރި ވެވޭނެ. މި ސެޝަންތަކުގެ އަމާޒަކީ ކުދިން އޯލެވެލް އަށް ތަމްރީމުކޮށް އެކުދިންގެ ފެންވަރު ރަގަނޅު ކުރުން" އިޤްބާލް ވިދާޅުވިއެވެ.

ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އަދި އެ ޕްރޮގްރާމް އަކީ ވަކި ވަކި ސަބްޖެކްޓްތަކަށް ހާއްސަކުރެވިގެން ހަފްތާގެ ވަކިދުވަސްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ސެޝަންތަކުގައި ކިޔަވާދެވޭ މާއްދާތަކުގެ ޓޮޕިކް ކަނޑައަޅާނީ ދަރިވަރުންގެ ފީޑްބެކް އަށް ބަލައިފައި ދަރިވަރުންނަށް އެންމެ އުނދަގޫ ޓޮޕިކްތަށް ކަމަށާއި މިހާރު ކިޔަވާދޭން ހަމަޖެހިފައިވަނީ ބިޒްނަސް ސްޓްރީމްގެ ބައެއް މާއްދާތަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ކިޔަވައިދިނުމަށް ނިންމާފައިވާ މާއްދާތަކުގެ ތަކަކީ އިކޮނޮމިކްސް ،އެކައުންޓިން ، ބިޒްނަސް ސްޓަޑީސް، ޓްރެވެލް އެންޑް ޓުއަރިޒަމް ، މެތެމެޓިކްސް އަދި އައިޓީ އެވެ.

ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިހާރުން ފެށިގެން މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މާލޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

އަދި ޕްރޮގްރާމަށް ކުދިން ނެގުމުގައި ވަކި ކުދިންނަށް އިސްކަން ނުދީ ހަމަހަމަ ކަމާއި އެކު ވީހާވެސް ގިނަ ކުދިންނަށް ފުރުސަތުދޭނެ ކަމަށް ކްލިކް ކޮލެޖުގެ ރައީސް ނައުޝާދް މުހައްމަދު ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ރާއްޖެ ތެރޭގެ ރަށްތަކުގައިވެސް ސެޝަންތަކެއް ކުރިއަސް ގެންދިޔުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށާއި އެފަދަ ޕްރޮގްރާމްއެއް އިންތިޒާމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދަށް ފަންތީގެ ކުދިންނަށް ކިޔެވުމުގައި އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ސައިންސްގެ މާއްދާތަށްވެސް ކިޔަވާދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

" އަޅުގަނޑުމެން މިހާރު ކިޔަވާދޭން ހަމަޖެހިފައި އޮތީ ބިޒްނަސް ސްޓްރީމްގެ ބައެއް މާއްދާތަށް. ނަމަވެސް ފެންވަރު ރަގަނޅު ލެކްޗަރުން ލިބުނު ވަރަކުން އަޅުގަނޑުމެން ސައިންސްގެ މާއްދާތަށްވެސް ކިޔަވާދޭން ފަށާނަން" ނައުޝާދް ވިދާޅުވިއެވެ.

ކްލިކް ކޮލެޖުން ހިންގާ މި ޕްރޮގްރާމްއާއި ބެހޭ މައުލޫމާތު އެ ކޮލެޖްގެ ރިސެޕްޝަނުންނާއި އެ ކޮލެޖްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.