އިންޑިއާގެ ޗެނާއީގެ އިރުން ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރުތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމުގެ އިންޒާރު ދީފިއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނާ ގޮތުގައި ޗެނާއީގެ 1200 ކިލޯމީޓަރު ދުރުން މިހާރު އުފެދެމުންދާ ތޫފާން އަށް ދެވިފައިވާ ނަމަކީ "ތޫފާން ފަނީ" އެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން މި ތޫފާނު އަރާނެ ކަމަށް ބެލެވޭ އިންޑިއާގެ ޗެނާއީގެ ސަރުކާރުގެ އިސްފަރާތްތަކުގެ ކުއްލި ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.

އިންޑިއާށް އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް މިފަދަ ތޫފާންތަށް އަރައެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، 45 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

ތޫފާން "ގާޖާ" ގައި ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު އިރު، އެ ތޫފާނުގެ ސަބަބުން 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނެވެ. އަދި ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހި 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ވަނީ ރިޕޯޓްކޮއްފަައެވެ.