ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރަން ނޮވެލްޓީ ޕްރިންޓާސް އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދިން 30 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އަންގައިފި އެވެ.

އޭސީސީގެ ރިޕޯޓްގައި ބުނީ އެސަރުކާރުގައި ގުރުއާނުގެ ދިވެހި ތަރުޖަމާގެ 150،000 ފޮތް ޗާޕްކުރަން އިސްލާމިކް މިނިސްޓްރީން ނޮވެލްޓީ ޕްރިންޓާސްއާ ހަވާލުކުރި ނަމަވެސް ޗާޕް ކުރަން ދިން ފޮތްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޮތް ސަރުކާރާ ހަވާލުނުކުރާ ކަމަށާއި ޗާޕުކުރި ފޮތްތަކުގައި ކުށް ހުރި ކަމަށެވެ.

އެގޮތުން ގުރުއާނުގެ ދިވެހި ތަރުޖަމާގައި ކުށް ހުރުމުން، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މީގެ ކުރިން އޮޑިޓާ ޖެނެރަލް ވެސް ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ އަންގައިފަ އެވެ.

އަދި އެ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ ޗާޕުކޮށް ހަވާލުކުރި 51،840 ތަރުޖަމާގައި ކުށް ހުރުމުންނާއި ޕްރިންޓްކުރުމުގައި މައްސަލަތަކެއް ހުރުމުން އޭގެ ބޭނުން ކުރެވިފައި ނުވާ ކަމަށާއި ބާކީ ހުރި 98،160 ފޮތް ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ.

އޭސީސީން ބުނީ އެއްބަސްވުމުގައި ވާ ގޮތުން އަގުގެ 15 ޕަސެންޓު ދައްކަން ޖެހެނީ އެ ތަރުޖަމާގެ ހުރިހާ ފޮތެއް ޗާޕްކޮށް ހަވާލުކުރުމުންނެވެ. ނަމަވެސް 98،160 ފޮތް ހަވާލު ނުކުރާކަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގާފައި ވަނިކޮށް އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ހުރިހާ ފޮތްތަކެއް ލިބިފައިވާ ކަމަށް އިންޓާނަލް މެމޯއެއްގައި ބުނެފައިވާ ކަމަށެވެ.

އަދި ގުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކޮށް ހަމައަށް ނުލިބެނީސް ފައިސާ ދެއްކި މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާކޮށް ދިނުމަށް އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެގޮތުން އެ މެމޯގައި ސްޓޭޓް މިނިސްޓަރު ސޮއިކުރެއްވި ކަމަށް އެއްބަސްވެފައިވާ ކަމަށާއި އެ މެމޯގައި ކުރި ސޮޔަކީ އޭނާގެ ސޮއިކަން އެނަލިސް ރިޕޯޓުން އެނގޭ ކަމަށެވެ.

އެގޮތުން އޭސީސީން ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހަށް އަންގާފައި ވާނީ ނޮވެލްޓީ ޕްރިންޓާސްއަށް ދިން ޖުމްލަ އަގު ކަމަށްވާ 30.8 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމަށް އޭސީސީން ބުނެއެވެ.