މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން "ފަޔަރ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި މިއަދު ހަވީރު ޕްރޮގްރާމެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ހަތް ދުވަހުގެ މުއްދަތަށް މާލޭސިޓީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ބަރަކާތްތެރި ރަމަޟާން މަހަކީ، ގޭބިސީތަކުގައި އާންމުން ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަވެފައިވާތީ، ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ޕްރޮގްރާމެކެވެ. އަދި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މާލޭސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ "ފަޔަރ ޕްރިވެންޝަން ވީކް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އަދި، އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން މިއަދުން ފެށިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.

މާލޭ ސިޓީގައި މި ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު، މާލޭސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި، އެ އިދާރާގެ މުވައްޒަފުންނަށެވެ. އަދި މި ޕްރޮގްރާމް މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލު ކުރިމަތީގައި، ވިލިމާލޭގައި ހުންނަ އެމްޓީސީސީ ފެރީޓާމިނަލް ކައިރީގައާއި، ހުޅުމާލޭ، ޗައިނާ ފުލެޓް ޕާކް ސަރަޙައްދުގެ އިތުރުން، ތާޖުއްދީން ސްކޫލު އަދި، ސިނަމާލެ ޕްލެޓުތައް ކައިރީގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ތާވަލްކުރެވިފައެވެ.

އަދި މި ޕްރޮގްރާމްގައި، ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ / ޖަމާޢަތްތަކަށް ޚާއްޞަކޮށްގެން ވެސް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ކުލާސްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި "ފަޔަރ ޕްރިވެންޝަން ވީކް" ޕްރޮގްރާމްގައި، އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުވުމުގެ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކާއި، އޮފީސް މާހައުލާއި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާލާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް، މެދުކެނޑުމެއް ނެތި ކުރިއަށްގެންދާތާ މިހާރު ވަނީ 7 އަހަރު ވެފައެވެ. އަދި، ފަޔަރ ޕްރިވެންޝަން ވީކަށް އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.