މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި "އެންވަޔަރަމެންޓް ޕޮލިސް" ހަރަކާތްތެރިވާން ފަށާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ އެންވަޔަރުމެންޓް ޕޮލިސްގެ ހިދުމަތް ފަށަން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން، ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި ހަރަކާތްތެރިވާނީ ފުލުހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރުމެންޓްް ޕޮލިހުންގެ ގޮތުގައި މަސައްކަތްކުރާނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްގެ ފުލުހުންނެވެ. އެ ފުލުހުން ތިބޭނީ ފުލުހުންގެ ޔުނީފޯމުގެ މަތިން އެންވަޔަރުމެންޓް ޕޮލިސް ލިއެފައިވާ ވެސްޓެއް ލައިގެނެވެ.

އެންވަޔަރުމެންޓް ޕޮލިސް ޔުނިޓް އުފެއްދީ 2015 ގައި ނަމަވެސް މިހާތަނަށް އެ ޔުނިޓުގެ މަސައްކަތް އޮތީ ނުފެށިފައެވެ. ނަމަވެސް މަހެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތް ފަށާއިރު ފުރަތަމަ އިސްކަން ދޭނީ ކުނި އަޅާފައި ހުންނަ ސަރަހައްދުތައް ދެނެގަނެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް އެތަންތަން ސާފުކުރުމަށާއި ކުނި އަޅާ ފަރާތްތައް ދެނެގަނެ އެކަން ހުއްޓުވަން ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ފުލުހުންގެ އެހެން ޑިޕާޓްމަންޓްތައް ފަދައިން އެންވަޔަރުމެންޓް ޕޮލިސް ޔުނިޓް ވެސް ޑިޕާޓްމަންޓެއްގެ ގޮތުގައި ހިންގުމަށް ރާވާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުލުސް ?

    ސަޅި

  2. ސޮއްބެ

    ސާބަހޭ ޕޮލިސް ގަދަ