މަޖިލީހުގެ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ގަޑިއަށް ހާޒިރު ނުވުމުން 18 ވަނަ ރައްޔިޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ގަޑިއެއްހާއިރު ފަހުން 10:00 ގައި ފަށައިފިއެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް ޖަލްސާ ފެށުން ލަސްވީ ކޯރަމް ހަމަވާ އަދަދު ކަމުގައިވާ 22 މެމްބަރުން ޖަލްސާއަށް ހާޒިރުނުވުމުންނެވެ.

މިއަދު ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްތަކަށް ބަހުސް ކުރުމެވެ. އަދި ފަނޑިޔާރުންގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވޯޓަށް އެހުންވެސް އޮތީ މިއަދުގެ ޖަލްސާގައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ކުރީގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުޙައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތް ލިބޭގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ. ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.

ނަމަވެސް މި އިސްލާހާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވަނީ މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައެވެ. އެ މެމްބަރުން ވަނީ އެގޮތަށް އިސްލާހު ފާސްކުރި ނަމަވެސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އާ ދައުރުގެ މަޖިލީހުގައި އެ ޤާނޫނަށް ބަދަލު ގެންނާނެ ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައެވެ.