ކުރިޔަށް އޮތް ރަމަޟާން މަހާއި ގުޅިގެން ބާއްވާ މާހެފުމެއް މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ، މިއަދު ކުރިޔަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މެދުކަނޑާލައިފިއެވެ.

މިއަދު ހެނދުނު 9:00 ގައި ފަށަން އޮތް އެ ޖަލްސާ ކޯރަމް ހަމަނުވެގެން ގަޑިއެއްހާ އިރު ފަހުން 10:00 ޖެހި އިރު ފަށާފައި ވާއިރު، ޖަލްސާ މެދުކަނޑާލާފައި ވަނީ 10:30 ހާއިރުއެވެ. އޭރު ކުރިޔަށް ދިޔައީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ކުރުމެވެ.

އެ ބަހުސް ކުރިޔަށް ދަނިކޮށް ޖަލްސާ މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމް ވިދާޅުވީ މިއަދަކީ މަޖިލީހުގެ މާހެފުން ބާއްވާ ދުވަސް ކަމަށެވެ. މި މާހެފުމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، މިއަދުގެ ރައީސް އަކީ، ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ދެން މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މާހެފުމަށްފަހު 11:30 ގައެވެ. މިއަދު ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްތަކަށް ބަހުސް ކުރުމެވެ. އަދި ފަނޑިޔާރުންގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވޯޓަށް އެހުންވެސް އޮތީ މިއަދުގެ ޖަލްސާގައެވެ.