ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ބެލުމަށް ޒިޔާރަތްކޮށްފިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، މި ޒިޔާރަތުގެ މަގުސަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރިކޮށާއި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުނާއި މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުން ކަމަށެވެ.

އަދި މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށް ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ޖެންޑާ މިނިސްޓްރީއާ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރާނެކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.

އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާއަކަށް ޖެންޑާ މިނިސްޓްރީއާއެކު އޮންނާނެ ކަމަށް އެޗްއާރްސީއެމްއިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

އެ ކޮމިޝަނުން 2018 ވަނަ އަހަރުން ފެށިގެން ގަވާއިދުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތް ކުރަމުން ދެއެވެ.