ރާއްޖެއަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު އިތުރުކޮއްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފިއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހު މުނާސަބަތުގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޔާމީންގެ ވެރިކަމުގައި ރެކޯޑް އަދަދަކަށް ވަޒީފާގެ ފުރުސަތުތަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގައި މަސައްކަތްތެރިން އުފެއްދުމަށް ވެސް ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި ކަމަށެވެ.

މިކަމުގެ ހެއްކަކަށް ފެނިގެން ދަނީ އާ ކުންފުނިތަކެއް އުފައްދައި، ތަފާތު އެކި ސިނާއަތްތަކުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ގޮސްފައިވާ ކަމެވެ. އަދި ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތުތައް އެކަށައަޅާ، ބައެއް ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެއްގެ ގޮތުގައިވެސް ޔާމީންގެ ސަރުކާރުގައި ވަނީ ކަނޑައަޅާފައެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއަދު ރާއްޖޭގެ މަސައްކަތްތެރިންގެ ހާލަތާއި މެދު ކަންބޮޑުވާ ކަމަށާއި އާ ސަރުކާރު ހުވާ ކުރުމަށް ފަހު އެތަށް ބަޔަކު ވަޒީފާއިން ވަކިކުރަމުން ދިޔުމާއި، ސިޔާސީ މަޤްސަދެއްގައި އެކި އެކި ފަރާތް ތަކުން ވަޒީފާއިން ކަނޑާލާނެ ކަމަށްބުނެ ހިންގަމުންދާ ބިރުދެއްކުމުގެ އަމަލުތަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ވަޒީފާ އަދާ ކުރާ ފަރާތް ތަކަށް ވަޒީފާގެ ހައްގުތަށް ރައްކާތެރިކޮށް ހަމަހަމަ ކަމާއި އިންސާފުން ޤާނޫނުގެ ތެރެއިން ހުރިހާ ފަރާތްތަކާ މެދު އަމަލުކުރުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި މީގެ އިތުރުން ބަޔާނުގައި ފާހަގަކޮށްފައިވަނީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ. އަދި މިކަންކަތްތަށް ކުރިއަށް އޮތް 19 ވަނަ މަޖްލީހުގެ ތެރެއިން ވީހާވެސް އަވަހަކަށް މިކަހަލަ ކަންކަން ހައްލުކޮށްދިނުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    މިރާއްޖޭގައި އެންމެ ގިނަ އެންމެ ބޮޑެތި ވައްކަންތަށް ކޮށްފާ ހުރީ ޔާމީނުގެ ވެރިކަމުގަ ! އެހެންކަމެއް ކޮށްފައެއް ނެތް !

    2
    2
  2. ޒާ

    ވަޒީފާ ދިނީ އަބްދުއްރަހީމުގެ އެކުވެރިންނަށާއި ތިމާގެ މީހުންނަށްތޯ؟ ރައީސްގެ އަނބިކަނބަލުންގެ ބާރާއި ނުފޫޒުގައި ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުން ގެންދިޔައިރު މިދުވަސް އަތުވެދާނެކަން އޭރު އެމީހުންނަށް ހިތަށްވެސް ނާރާ.

    2
    2