މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 3:52 ހާއިރު ކަމަށެވެ. ރޭގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އަމީނީ ގޯޅީގައި ހުންނަ ގ. ފެހި ހިރި ގޭގެ ހަވަނަ ފަންގިފިލާގައެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބުމުން އެގެޔަށް ފުލުހުން އެރިއިރު، ހަވަނަ ފަންގިފިލާގެ ދޮރު ތަޅުލާފައި ހުރުމުން ދޮރުގައި ތެޅުމުން އެގެއިން މީހަކު ދޮރުހުޅުވުމުން އަލިފާން ރޯވެފައިވާ ވާހަކަ ބުނުމަށްފަހު އެޕާޓްމެންޓުގެ ތެރެއަށް ވަދެ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަޔާ އެކްޓިންގިޝާ ފުޅި ބޭނުންކޮށްގެންނާއި ފެން ޖަހައިގެން ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާ ގައި އެގޭގެ ބެލްކަނީގައި ހުރި ދެ ދޮންނަމެޝިނާއި ދެ ލަކުޑި ގޮނޑި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އަލިފާނުގެ ސަބަބުން ގޭގެ ފާރުގައި ރެނދުލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.