ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިހާތަނަށް ކުރެއްވި މަސައްކަތަކީ ދިވެހިރާއްޖޭގައި އެންމެ ޒަމާންވީ ސިޔާސީ ޕާޓީ، އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ޤާސިމް އިބްރާހިމް މިހާތަނަށް ކުރި މަސައްކަތަކީ އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ކަމަށާއި، ގަސްތުގައި ވަރަށް ރޭވުންތެރިކަމާއެކު ޤާސިމް އިބްރާހިމް ކުރެއްވި މަސައްކަތުން އެ ޕާޓީ ހަލާކުކޮށް ނިމިއްޖެ ކަމަށެވެ.

"އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ވަރަށް ވަރުގަދައަށް އޮތީމާ، ޤާސިމްގެ ޖުމްހޫރީ ޕާޓީން ވެރިކަމަށް އަންނަން ކުރާ މަސައްކަތަށް ހުރަސް އެޅިދާނެކަމަށް ބަލާފައި ގަސްތުގައި ރޭވިގެން، ރޭވުންތެރިކަމާއެކު ގޮސް އެމްޑީޕީ ހަލާކުކޮށް ނިމިއްޖެ" އަދުރޭ ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމްގެ މަސައްކަތުން އެމް.ޑީ.ޕީ ހަލާކު ކޮށްލާފައިވާކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ، "އެމްޑީޕީގެ ދުވަސް ހިނގައްޖެ، އެމްޑީޕީ ބުނެގެން މަގުމައްޗަށް ނިކުންނާނެ މީހަކުވެސް ނުވޭ. އެމީހުންގެ އެއް ލީޑަރު އަނެއް ލީޑަރަށްވެސް ކިޔަމަނެއް ނުވާ" ކަމަށެވެ.

ފެބުރުވަރީ 1 ވަނަ ދުވަހުން ފަށައިގެން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ދެވަނަ ރޭ، އެމްޑީޕީގެ ވަރަށް ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އާމިރާ އާއި އީވާ ދެކެވުނު ވާހަކަތަކެއްވެސް އަދުރޭ ވަނީ ރައްޔިތުންނާ ހަމައަށް ތިލަކޮށް އިދިކޮޅު ކޯލިޝަނުގެ ހާލަތު ކިޔައިދެއްވާފައެވެ.

"މުޒާހަރާކުރަން ފެށި ދެވަނަ ރޭ އެމްޑީޕީގެ ޖަގަހައަށް އާމިރާ ގޮސް ވަރަށް ގަދަޔަށް މުޒާހަރާ ޖެއްސި، ސަރުކާރު ވައްޓާލަން، އަނެއް ކަމެއް ކުރަން، ހަޅޭއްލަވަން ފެށީމާ އީވާ އޭނަ ގައިގައި ކޮށްޓާލާފައި އެތެރެއަށް ޖައްސާލާފައި މި ބުނަނީ އެއްގޮތަކަށްވެސް ތިހާވަރުން އުޅޭނެކަމެއް ނެތޭ. އަހަރެމެން މިއުޅެނީ ސަރުކާރު ވައްޓާލާކަށް ނޫނޭ. ސަރުކާރު ވައްޓާލީމާ އަހަރެމެންނަށް ވާނީ ގެއްލުމޭ. އަހަރެމެން މިއުޅެނީ މިއުޅޭ މީހުންނަށް އަހަރެމެންވެސް މީގެ ތެރޭގައި އުޅޭކަން ދައްކަން ވެގެންނޭ." އަދުރޭ ވިދާޅުވިއެވެ.

އެއްގޮތަކަށްވެސް ސަރުކާރު ވައްޓާލާ ހިސާބަށް ނުގެންދިއުމަށާއި، ސަރުވާރު ވައްޓާލައިފިނަމަ ނަޝީދުގެ ދުވަސް ދާނެކަމަށް އަދި މިހާރު ހިނގަމުންދާ ކަންކަމުގައި ނިކުމެ ކުލަވަރު ދައްކައިގެން ޤާސިމާއި މައުމޫން ހަލާކު ކޮށްލަންވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އީވާ އަރިހުގައި ވިދާޅުވިކަމަށް އީވާއަށް ވިދާޅުވެވިފައިވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުގައި ތިއްބެވި ހުރިހާ ފަރާތްތަކުންވެސް ކުރައްވާ މަސައްކަތަކީ އިހްލާސްތެރިކަމެއް ނެތް މަސައްކަތްތަކެއް ކަމަށާއި، ކޮންމެ ބަޔަކުވެސް މަސައްކަތް ކުރައްވަނީ ވެރިކަން ހޯއްދަވަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ހަލަބޮލިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީން ވަނީ އިތުރު މީހުން އެ ޕާޓީއަށް ސޮއި ކުރުވައި އެ ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތައް މެކުހަށް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސް

    ކަލޭ މަހައްދޭ ބަލަ1

  2. އަލިބެ

    ޗީޗީ އަދުރޭ! އެމްޑީޕީ ޢޭ ކިޔައިގެން ދެބޯގެރި ދުއްވަން ނުހަދާ. ތިކަމެއް ނުވާނެ.

  3. Anonymous

    އަދީބު ސަލާމް ބުންޔޯ ކަލެއަށާ ނިހާނަށާ.