ދިރާގާއި ބައިކް މޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި ބޭއްވި މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މިދިޔަ އޭޕްރިލް މަހުގެ 26، 27 މި ދެ ދުވަހު ބޭއްވި މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަށްދިޔައެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށް ދިޔައީ ވަކިވަކިންނެވެ.

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްއަށް ބޮޑު ތަރުހީބެއް - ފޮޓޯ: ދިރާގު

މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއްވެސް ވަނީ ބާއްވާފައިއެވެ.

މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ވަނަތަކަށް ބަލާއިރު، ދެ އުމުރުފުރާ އެއްކޮށް އެއްވަނަ އަށް ގޮސްފައިވާ ސްކޫލަކީ ހިރިޔާ ސްކޫލެވެ. ދެ ވަނަ އަށް ގޮސްފައިވަނީ ޢާޒީ ސްކޫލް އަދި ތިން ވަނަ އަށް ގޮސްފައިވަނީ ހުރަވީ ސްކޫލެވެ.

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްއަށް ބޮޑު ތަރުހީބެއް - ފޮޓޯ: ދިރާގު

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ސޯލިހްގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ.

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު