ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން އެދިއްޖެއެވެ.

މިއަދު އެކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކަކީ އަދުލު އިންސާފު ގާއިމުކޮށް، ގާނޫނު ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މަސްލަހަތުތައް ގާނޫނު އަސާސީއާ ގާނޫނުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިންތިކާއި މިންތަކުގެ ތެރެއިން ރައްކާތެރިކުރުމުގެ ދުސްތޫރީ ވާޖިބު އަދާކުރާ ތަންތަން ކަމަށެވެ.

އެފަދަ ތަންތަނުގެ ވާހަކަ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ދައްކަމުން އަންނަ ކަމަށާއި، އެ ތަންތަނުގެ އިތުބާރު ގެއްލުވައިލައިން ނާޖާއިޒު މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި މަދު ބަޔަކު ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީ އޭގެ ސަބަބުން ދިވެހި ދައުލަތުގެ ހައިބަތާއި ކަރާމާތް ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށް ސްޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރުންނަށް ބިރު ދައްކައި، ޝަރުއީ ދާއިރާ އާއި ކޯޓުތަކުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދުސްތޫރީ ނިޒާމު ފުޑުފުޑުކޮށް ސުންނާފަތިކުރުމުގެ ނުބައި މަގުސަދުގައި ކުރަމުންގެންދާ ނޭދެވޭ އަމަލުތަކެއް ކަމަށް މެނުވީ ބެލެވޭނެ ތަނެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު މި ބަޔާނުގައި ވަނީ އެކިއެކި ފަހަރުމަތިން ރާއްޖޭގެ ޝަރުއީ ދާއިރާގެ ހާލަތު ބައްލަވައި ދިރާސާކުރެއްވި ބަލައިނަލްއަގްވާމީ ފަރާތްތަކުން ވެސް ކޯޓުތަކުގެ މައްޗަށް ސިޔާސީ ބައެއް ފަރާތްތަކުން ނޭދެވޭ ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރުދައްކައި، ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަމަށާއި، އެފަދަ ކަންކަމުން އެއްކިބާ ވެގެން ނޫނީ އަދުލު އިންސާފު ގާއިމް ކުރުމަށް މަގުފަހި ނުކުރެވޭނެ ކަމަށެވެ.