ވޭތުވެދިޔަ ހަތަރު އަހަރު ދިޔައީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މުސްތަފާ ވިދާޅުވީ، "ވޭތުވެދިޔަ ހަތަރު އަހަރު މި ދިޔައީ ކުއްލި ނުރައްކަލުގެ ހާލަތުގަ، އަދި މިއަދުވެސް އޮތީ ހަމަ އެ ހާލަތުގަ. ސަރުކާރު ބަދަލުވެގެން ނޫނީ ކުއްލި ހާލަތު ނުފިލާނެ" ކަމަށެވެ.

"ރާއްޖެ ޓީވީ" ގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޓެރެރިޒަމްގެ ތުހުމަތު ކުރެވޭ މުސްތަފާ މިގޮތަށް ވިދާޅުވިއިރު، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލާފައިވާ ކަން ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ، ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުވުމާއި ގުޅިގެން، އެކަމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުން ހިންގާނެކަމުގެ އިންޒާރު އެފަރާތްތަކުން ކެނޑިނޭޅި ދެމުންދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.