ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ފައިސަލް އާދަމް ދޫކޮށްލައިފިއެވެ.

ފައިސަލް ހައްޔަރު ކުރީ އިއްޔެ އެވެ. ފައިސަލް ހައްޔަރުކޮށްފައި ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނާއި ޚިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.

ހައްޔަރު ކުރުމަށް ފަހު ފައިސަލް ވަނީ ރޭ ފަތިހު ދޫކޮށްލާފައެވެ. ފައިސަލް ދޫކޮށްލާފައި ވަނީ ސުވާލުކޮށް ބަޔާން ނެގުމަށް ފަހު އެވެ.

އިއްޔެ ފައިސަލް ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކުރުމަށް ފަހު އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި ހަމަ އެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ކުރީގެ ރައީސް މައުމޫން ވެސް ވަނީ ހަމަ މި ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު