މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިސަލް މިގޮތަށް ވިދާޅުވީ، ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި ރޭ ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމު ތަރައްޤީވެގެން ދާނީ ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ފާހަގަ ކުރެއްވާ ފައިސަލް ވަނީ އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތި ކާކަށް ނޭންގިގެން އުުޅޭކަމެއް! ކަންކަމަށް އަދަބު ކަނޑައެޅިފަ ހުންނަނީ އެހެންވީމަ! ތަންފީޒުނުކުރީމަ މުޖުތަމައު ފަސާދަވަނީ! އެކަމަށް ފާރަވެރިވާންޖެހެނީ ކޮންބައެއް؟