ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދީ އެކުދިން ބާރުވެރި ކުރުވުމަކީ މުޖްތަމައުއިން ކޮށްދެންޖެހޭނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި އެކަމަނާ ވިދާޅުވީ މުޖްތަމައުއިން ކުޑަކުދިންނަށް އަޅާލުމާއި އޯގާތެރިކަން ދޭން ޖެހޭ ކަމަށާއި އަދި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރަށް ވުރެ ކުޑަކުދިންގެ ބާރު ވެރިކަމާއި އަހަންމިއްޔަތުކަން މުޖްތަމައުގައި އިތުރު ކުރަންޖެހޭ ކަަމަށާއި އެކަން ކުރަންވާނީ މުޅި މުޖްތަމައު ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ ގާނުނުތަކާއި އަދި އެހެނިހެން ގަވައިދުތައް ހަދާއިރު އެ ކުދިންގެ މަޝްވަރާ ހޯދަމުން އަންނަ ކަމަށާއި އަދި އެކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ލާބައާ މަންފާ ލިބޭނެ އެކިއެކި ދޮރުތައް ފަހިކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޝީދާތާ ވިދާޅުވީ ކުޑަކުދިން ބާރުވެރިކުރުވުމަށް މިސަރުކާރުންވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގެ ފޮނިކަން ލިބެމުންދާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލާގެ ލޯބި ލިބޭނެ ގޮތްވެސް އައު އުސޫލެއްގެ ތެެރެއިން ފަހިކޮށްދީފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަހިއްޔާ

    ކުދަކުދިން ބާރުވެރިކުރުވިކުރުވީނުން މިހާރުގެ ކުދިންގެ އެއްވެސް އަޚލާގެއްނެއް. ހައްގުތައް ނަހަމަގޮތުގައި ބޭނުންކުރެވެނީ. ައޚްލާގީ ފޭރާން ވީދި ހުސްވަނީ

  2. ހުސޭނުބޭ

    ދައްކާނެ ވާހަކައެއް ނޭގިގެންތަ ތި އުޅެނީ މިއޮއްފަދަ ރޯދަމަހު! ދައްކާނެ ވާހަކަޔެއް ނޭގެންޏާ އަގަ މަޑުންލައިގެން ހުރޭ!