ރ.މީދޫ ބައު މިސްކިތް ނުވަތަ ކުރީގެ ހުކުރު މިސްކިތަކީ ވަރަށް ކުރީގެ އާޘާރީ ބިނާއެކެވެ. މި މިސްކިތް ހަދާފައިވަނީ ހިރިގަލުންނެވެ. ބޭރު ތަޅުމުގައި ބިމާހަމައިގައި ފޮފަ ނަގާފައިވެއެވެ. މިސްކިތުގެ ފުރާޅުގައި ވަނީ އީޓު ޖަހާފައެވެ. ބެރިތަކާއި، ކަނިތަކާއި، ތަނބުތައް ވަނީ ލާފެންކޮށްފައެވެ

މިސްކިތުގެ އެތެރޭގައިވާ ލާގޭގެ ވަށައިގެންނާއި، މިހުރާބުގޭގައިވެސް އަރަބިން ލިޔެފައި ވެއެވެ. މިސްކިތުގައި ހުކުރު ކުރުމަށްޓަކައި ހަދާފައިވާ މިމްބަރެއް ހުރެއެވެ. މި މިސްކިތުގައި ކުރިން ބޭނުން ކުރަމުން އައި ދެ ވަޅު މިހާރު ވަނީ ޤަބުރުސްތާނަށް އިތުރު ކުރެވުނު ބައިގައެބެ. މީގެ ތެރެއިން އެއް ވަޅަކީ ހިރިގަލުން ހަތަރެސް ކަނަށް، ހަދާފައިވާ ވަޅެކެވެ. މިހާރު މި މިސްކިތުގައި ބޭނުން ކުރަނީ ދާދިފަހުން ބަހައްޓާފައިވާ ވަޅެކެވެ. ރަށުގެ މުސްކުޅިން ލަފާކުރާ ގޮތުގައި މި މިސްކިތައް ގާތްގަނޑަކަށް 300 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ.

މީދޫ ބައު ހުކުރު މިސްކިތުގެ އެތެރެ

މި މިސްކިތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެެއްވަމުން މީދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، މުޙައްމަދު ޢަލީ ވިދާޅުވީ، އެ މިސްކިތަކީ މިހާރުވެސް ނަމާދު ކުރަމުންދާ މިސްކިތެއް ކަމަށާއި، ނަމަވެސް އެތަން އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް މާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ނުވާ ކަމަށެވެ.

މީދޫ ބައު ހުކުރު މިސްކިތް

"މިހާރުވެސް ނަމާދު ކުރާ މިސްކިތެއްވީމަ ފޮޅާ ސާފުކޮށް ބަހަލައްޓާނެ. ނަމަވެސް އެހާ ދުވަސްވީ މިސްކިތެއް ވީމަ، ގިނަ މަރާމާތު ތަކެއް ހުންނާނެ ކުރަންޖެހޭ. އެގޮތުން ބަލާއިރު، މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނެތް. ނަމަވެސް ހެރިޓޭޖުގެ ފަރާތުން މިހާރު އެބަ މަސައްކަތް ކުރައްވާ އެތަންތަން ރަނގަޅު ގޮތުގައި ބަލަހައްޓަން." މުޙައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި މިފަދަ އެތައް މިސްކިތްތަކެއް ހުރިއިރު، ގިނަ ތަންތަން ވަނީ އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލެވިފައެވެ.