ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަން އެނގިފައިނުވާކަމަށް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ “ދަ ހިންދޫ” އަށް ދެއްވި އިންޓަވިއު އެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ދީނީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުތައް އާލާވެގެން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަވަށްޓެރި ސްރީލަންކާ އަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކަށް ފަހު އެފަދަ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވުގެެ ބިރު އެބައޮތްތޯ އެ ނޫހުން ސުވާލުކުރެއްވުމުން މިނިސްޓަރ މާރިޔާ ޖަވާބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެނގިފައިނުވާ ކަމަށާއި، ނަމަވެސް އެފަދަ ކަމަކަށް ތައްޔާރުވުމަށް ރާއްޖޭގެ ސިފައިން އަންނަނީ ތަމްރީންތައް ހަދަމުން ކަމަށެވެ.

ހައްދު ފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެ ސީނިއާ ލެވަލް ކޮމެޓީއާއި، ކައުންޓާ ޓެރެރިޒަމް ސްޓިއަރިން ކޮމެޓީއެއްގެ އިތުރުން ކައުންޓާ ރެޑިކަލައިޒޭޝަން ކޮމެޓީއެއް މިހާރުވެސް ރާއްޖޭގައި އޮންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރް ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ މީހުން ހަމަ މަގަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށާއި ހައްދު ފަހަނައަޅައިދިއުމުގެ ނުރައްކާތަކަށް ތައްޔާރުވެ އެކަންކަން ހުއްޓުވުމަށް ބޭނުންވާ ކަންތައްތައް ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އިތުކުރުމަށް ސިފައިންނާއި ސެކިއުރިޓީ އޭޖެންސީތަކުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މީގެ އިތުރުން ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ހަމަ މަގަށް އެޅުވުމުގެ ގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ރާއްޖޭގައި ފަރުމާކުރަން ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަން އެނގިނުލައްވާކަން މިނިސްޓަރ ބުނެފައިވާއިރު ރާއްޖެއަށް އެފަދަ ހަމަލާއެއް ދީފާނެކަމަށް ލަފާކޮށް އެމެރިކާއިން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުމާރީ

    މުޅި ދުނިޔޭގެ ޖާސޫސީ އިދާރާ ތަކުން ދިވެހިރާއްޖޭގެ މާހައުލު ރައްކާތެރި ނޫންކަމަށް ބުނަމުންދާއިރު މި އަމާރިޔާ މި ބުނަނީ އެފަދަ ކަމެއްގެ މައުލޫމާތެއް ނެތޭ. އަޅުފަހެ މި ޖަމާއަތުން ރާއްޖެ އަށް ދޭން އުޅޭ ހަމަލާއެކޭތަ މިކިޔަނީ.

  2. އިބްރާހިމް

    އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި މިވަގުތު އޮތްކަމީ ރާއްޖޭގެ ރަތްޔިތުންގެ ނަސީބެކެވެ. އެހެންނޫންނަމަ ލަންކާގެ ހަމަލާއަށްފަހު އެމްޑީޕީގެ ބޮޑުން މުޅިދުނިޔޭގައި ރާއްޖޭގެ އަގު ވައްޓައިލީހެވެ. މިހާރުވެސް އެހެރަ އަންނިއަކަށް ހުރެވެނީކީއެއްނޫނެވެ.