މި ހިނގާ ރޯދަ މަހު، މާރުކޭޓުގައި އެންމެ ބޮޑަށް އަގު މައްޗަށް ދިޔަ އެކައްޗަކީ މިރުހެވެ. ޚާއްޞަކޮށް ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކަނޑޫދޫ މިރުހުގެ އަގު އަތްނުފޯރާ ފަށަށް މައްޗަށް އަރައިގެން ދިޔައެވެ.

ރޯދަމަސް ފެށުމުގެ ހަފްތާއެއް ކުރިން ކަނޑޫ މިރުސް ކިލޯއެއް ލިބެން ހުރީ 1200 ރުފިޔާ އަށެވެ. ބައެއް ކަޑަތަކުން 1500 އަށްވެސް މި މިރުސް ވިއްކަން ހުއްޓެވެ. ނަމަވެސް މިހާ ބޮޑު އަގުގައި މިރުސް ވިއްކުމުގެ ސަބަބުން ދިވެހިންގެ މެދުގައި ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށްވުމުގެ ސަބަބުން، އެތައް ފަހަރެއްގެ މަތިން އެ މިރުހުގެ އަގުވަނީ ދަށްކޮށްފައެވެ. މިހާރު ކަނޑޫދޫ މިރުސް ކިލޯއެއް ދެގުނައަށް އަގު ދަށްވެ 600 ރުފިޔާ އަށްވެސް ލިބެން އެބަ ހުއްޓެވެ.

ކަނޑޫދޫ މިރުހަށް ވިޔަފާރިވެރިން ގެނައި ނުރަނގަޅު ބަދަލުގެ ސަބަބުން، ދިވެހިންގެ މެދުގައި އެ މިރުހުގެ ޑިމާންޑް ދަށްވެ، ލަންކާ މިރުހުގެ ޑިމާންޑް ބޮޑުވިއެވެ. އެގޮތުން ކަނޑޫދޫ މިރުހަށްވުރެ ލަންކާ މިރުސް މާރުކޭޓު ތެރޭގައި މިހާރު ގިނައެވެ. މީގެ އިތުރުން ޔުގެންޑާއިން އެތެރެ ކުރާ މިރުހަކީ ވެސް މިހާރު ދިވެހިންގެ މެދުގައި މަޤުބޫލުވެފައިވާ މިރުހެކެވެ.

ލަންކާ އާއި ޔުގެންޑާ މިރުސް ކިލޯއެއް 50 ރުފިޔާ އަށްވެސް ލިބެން އެބަ ހުއްޓެވެ. އެ ހެޔޮ ބަދަލު ގެނެސްފައިވަނީ، ދިވެހިންގެ މަޤުބޫލުކަން އިތުރުވުމުގެ ސަބަބުން ކަމަށް، ވިޔަފާރިވެރިން މަޢުލޫމާތު ދިނެވެ. މާރުކޭޓުގައި ލަންކާ މިރުސް ވިއްކާ ފަރާތްތަކުން ބުނީ، ކަނޑޫދޫ މިރުހާއި އަޅާބަލާއިރު ލަންކާ މިރުހުގެ ކުޅި މަޑުނުވާނެ ކަމަށާއި، ގިނަ ދިވެހިން މިހާރު ގަންނަނީ ލަންކާއާއި، ޔުގެންޑާއިން އެތެރެކުރާ މިރުސް ކަމަށެވެ.

"ކަނޑޫދޫ މިރުސް ކިހިނެއްތޯ ގަންނާނީ. ކަނޑޫދޫ މިރުސް ކުޅިކަން ގަދައޭ ކިޔާފަ އެ މިރުހުގެ ޑިމާންޑް އަރައިގެން ދިޔައީ. ނަމަވެސް ލަންކާ މިރުހުގެ ކުޅިކަންވެސް ވަކި މަޑެއް ނުވާނެ،" ލަންކާ މިރުހެއް ފަޅާލުމަށްފަހު، އޭގެ ވަސް ބަލާލަން ދެމުން މާރުކޭޓުގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    މަށަށް ހަމް ރަނގަޅީ ލަންކާ މިރުސް.

  2. ލޮލީ

    ކުޅި މަޑު މިރުސް ސިއްހަތައް ރަނގަޅު ވާނީ....ވިޓަމިންވެސް ލިބޭނެ އަދި ރަހަވެސް ހެޔޮވަރު ވާނެ...