ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކައްޓަލައަކީ ބިންމަތީގައި ފެތުރިފައިވާ ވެލަކުން ބިމުގެ އަޑިއަށް ފައިބައިގެން ހެދޭ އެއްޗެކެވެ. ކައްޓަލައިގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ކައްޓަލައިގައި ސްޓާރޗްގެ އިތުރުން ވިޓަމިންގެ އެކި ބައިތައް އެކުލެވިގެން ވެއެވެ. އަދި ފައިބަރު ވެސް ގިނަ އަދަދަކަށް ހުރެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކައްޓަލަ އަކީ ހަކުރު ބަލީގެ މީހުންނަށް ރަނގަޅު ފަރުވާ އެއް ލިއްބައިދޭ އެއްޗެއްވެސް މެއެވެ.

ދަނޑި އަލުވި އަކީވެސް ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެފްރިކާ ގައި ގިނަ އަދަދަކަށް ހައްދާ ދަނޑި އަލުވި އަކީ ދުނިޔޭގައި ކާބޯހައިޑްރޭޓް ލިބޭ ކާނާގެ ގޮތުގައި 3 ވަނަ އަށް އެންމެ ގިނައިން ހައްދާ ބާވަތެވެ. ދެކުނު އެމެރިކާ އިން ފުރަތަމަ ފެނިގެންދިޔަ ދަނޑި އަލުވި އާންމުކޮށް ހައްދަނީ ހޫނު ހިސާބު ތަކުގައި ކަމަށްވެއެވެ. އާންމުކޮށް ދަނޑި އަލުވީގެ ދިގުމިނޫގައި ގާތްގަނޑަކަށް 80-50 ސެންޓިމީޓަރުގެ ދިގުމިން އަދި ވަށަމިންގައި 10-5 ސެންޓި މީޓަރުގެ ފުޅާމިން ހުންނަ ކަމަށް ވެއެވެ.

މާރުކޭޓުން ލިބެން ހުރި ދަނޑި އަލުވި / ފޮޓޯ: އަމީން ފަހުމީ

ދިވެހިންގެ ތެރޭގައި ދަނޑި އަލުވި ބޭނުންކުރަނީ ތަފާތު ބާވަތްތަކުގެ ފޮނި ކާތަކެތި ހެދުމަށް ކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ދަނޑިއަލުވި ބޯކިބާ އަކީ ފާހަގަ ކޮށްލެވޭ ފޮނި ކާއެއްޗެކެވެ.

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި މިތަކެތި ހުރި އަގުތަކަށް ބަލާއިރު، މިއިން ކޮންމެ އެއްޗެއްވެސް ލިބެން ހުރީ ކިލޯއެއް 40 ރުފިޔާ އަށެވެ. މި ރޯދަ މަހުގެ މިތަކެތީގެ ވިޔަފާރިވެސް ރަނގަޅު ކަމަށް ގިނަ ވިޔަފާރިވެރިން މަޢުލޫމާތު ދެއެވެ.

"ކައްޓަލަ އަދި ދަނޑިއަލުވީގެ ވިޔަފާރިވެސް ރަނގަޅު. އާއްމުކޮށް އުމުރުން ދުވަސް މީހުން ވަރަށް ގިނައިން އަންނާނެ މި އެެއްޗެހި ގަންނަން. އެއީ ވަރަށް ގިނަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައިވެސް ފަލަމަޑީގެ ބާވަތްތައް ބޭނުންކުރޭ. ރޯދަމަސް ނޫން މަސްމަހުވެސް މިތަކެތީގެ ވިޔަފާރި ގޯހެއް ނޫން." މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާ އިރު، މާރުކޭޓުގައި ވިއްކާ ގިނަ ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނަން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު