ރަންބުސްތާނަކީ މީރު ފޮނި މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އާއި މައުދަންތަކާއި، އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާންމުކޮށް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަންޏާއި ސަރުބަތު ތައްޔާރުކޮށްގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ރަންބުސްތާނުގައި ވިޓަމިން ސީ މަތީ މިންވަރަކަށް ހުންނާތީ މިމޭވާ އާއި މެދު ބެލެވެނީ އެންޓިއޮކްސިޑެންޓް ހަށިގަނޑަށް ލިއްބައިދޭ މަސްދަރެއްގެ ގޮތުގައެވެ. އެންޓިއޮކްސިޑެންޓަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޭގެ ރަތް ސެލްތަކާއި، ހުދު ސެލްތައް އުފެއްދުމަށް ބޭނުންވާ ދަގަނޑާއި، ކޮޕާ ކާނާއިން ހަށިގަނޑަށް ނެގުމަށް ވެސް ވިޓަމިން ސީ ގެ ބޭނުން ހިފަން ޖެހެއެވެ.

މާލޭ ލޯކަލް މާރުކޭޓުގައި ރަންބުސްތާނުގެ އަގު ބޮޑުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރަންބުސްތާނު ކިލޯއެއް ލިބެން ހުރީ 230 ރުފިޔާ އަށެވެ. މާރުކޭޓުގެ ގޮޅިތަކަށް ބަލާއިރު، ރަންބުސްތާނު ލިބެންހުރި ގޮޅިތައްވެސް މަދުކަން ފާހަގަކުރެވެއެވެ. ސަބަބަކީ ރަންބުސްތާނުގެ އަގު ބޮޑުވުމާއި، އަދި ދަޅުގައި ބަންދުކޮށްފަ ހުންނަ ރަންބުސްތާނަށް ދިވެހިންގެ ޑިމާންޑް ބޮޑުވުން ކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއްވައެވެ.

"އަގުވެސް ބޮޑީ މި ދުވަސްކޮޅު. އެހެންވީމަ ގިނަ މީހުން ނުގެންނަނީ. އާއްމުކޮށް ގަންނަ މީހަކުވެސް މި ގަންނަނީ ފަނިގިރަން. ފަނިގިރަން ބަލާއިރު އެބަ ހުރޭ ދަޅުގައި ބަންދުކޮށްފަ ހުންނަ ރަންބުސްތާނު. ރަހައިގައި މާ ބޮޑު ބަދަލެއް އަސްލު ނޫޅޭ. އެހެންވެ ރަންބުސްތާނުގެ ވިޔަފާރި ދަށީ." މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާއިރު، މާރުކޭޓުގައި އާއްމުކޮށް ވިއްކާ ގިނަ ބާވަތްތަކުގެ އަގަށް އެދޭ ހެޔޮ ބަދަލެއް އައިސްފައިވާކަން ފާގަހަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު