ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދިނުމަށް ދަޢުލަތުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ނުކޮށްގެން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

2010 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސުގައި ފެރީގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ދީބާޖާއަށް ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ޙުކުމްކޮށްފައިވަނީ، 2013 ވަނަ އަހަރު އެ އެއްބަސްވުން އުވާލުމާއި ގުޅިގެންނެވެ. އެއްބަސްވުން އުވާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދީބާލާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައި ވެއެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އައި ރައީސް ވަހީދުގެ ވެރިކަމުގައި މި މައްސަލަދައުލަތުން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އެއަށްފަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ވަނީ، 348 މިލިއަން ރުފިޔާ ދީބާޖާއަށް ދައުލަތުގެ މައްޗަށް ސިވިލްކޯޓުން ކުރި ޙުކުމް ބާތިލުކޮށްފައެވެ.

މިކަމާއި ގުޅިގެން ދީބާޖާއިން ހައިކޯޓުގެ ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހު އެ ކޯޓުން ނިންމާފައި ވަނީ ހައިކޯޓުން ހުކުމްކޮށްފައި ވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ ދަށުކޯޓުގެ ހުކުމް، ހައިކޯޓުން އިސްތިއުނާފުކޮށް މައްސަލަ ނިންމާލާފައި ވަނީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

ދީބާޖާއަށް ދައުލަތުގެ ފަރާތުން ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް ހުށަހަލާނެ ކަމަށް ބަންޑަރަ ނައިބު، އިބްރާހީމް ރިފްއަތު ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ ހުކުމް ރިވިއު ކުރަން ހުށަހަޅާފައިވާ ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ސުލައިމާން

    މީއިންސާފަކީ ދެއްތޯ؟ ނިކަމެތީންގެ ނުވަތަ ދަށު ފަންތީގެ މީހުންގެ ހައްޤު މިފަދަ އަމަލުތަކުގެސަބަބުން ގެއްލޭ. ނިކަމެތިމީހާ މައްސަލައެއް ކޯޓައްވައްދާތާ އަހަރު ދެއަހަރު ވެދާއިރު އިއްޡައްތެރި ޤާޡީއައް ހިތައް އަސަރެއްވެސް ކޮށްނުލާ އެކަން ވަޅު!
    އިއްޒައްތެރިންގެ މަސްލަހަތު އޮންނަ މައްސަލައެއްނަމަ ފަޓާސްބަރިއެންހެންް އެބޭފުޅުން ކޮޅައް މައަސަލަނިމި ގެލުމުގެ ބަދަލާ ހައްޤު ހޯދައިދެވޭ.
    މިކަންކަމަކީ ހިތާމަހުރި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސްނެތި ފަހުދުވަހުން އެބަޔަކުކުރި ކަންކަމާމެދު ސުވާލުވެވި ހައްޤްވެރިންނައް ހުރަހެއްނެތި އިންސާފުލިބި މިފަދަކަންތައްކުރާ މީހުން ﷲ ގެ އަޡާބައް ހުށަހެޅޭނެކަން ހަމަ ނުވިސްނެނީތޯ؟