ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ލ.ފޮނަދޫގައި ޢިމާރާތް ކޮށްފައިވާ 27 ގެއަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ލ.އަތޮޅު ކައުންސިލްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 13 މެއި އިން ފެށިގެން ލ،ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ގެއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިއަދުން ފެށިގެން ފޯމް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ގެތަކަށް އެދިވަޑަގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 މެއި 2019 އިން 30 މެއި 2019 ގެނިޔަލަށް ކަމަށެވެ.

ގެއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުޠު ތައް؛

  • ޢުމުރުން 21 އަހަރު ފުރިފައިވުން.
  • ލ. އަތޮޅުގެ ރަށްވެއްސެއްކަމުގައިވުން.
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.
  • ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ލ. ފޮނަދޫއިން ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން.
  • ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަމެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި، މީހަކަށް ދީފައިނުވުން.

ގެއަށް އެދި ހުށަހަޅާފޯމު މިއަދުން ފެށިގެން ލާމު އަތޮޅު ކައުންސިލުންނާއި، ލާމު އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކުގެ އިދާރާތަކުން، އަދި ލާމު އަތޮޅު ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެ ކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއެވެ.