ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފިއެވެ.

ރައީސްގެ ތަރުޖަމާން، އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވެފައި ވަނީ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް އަނބުރާ ފޮނުވާލެއްވީ، އަލުން ވިސްނެވުމަށް އެދިވަޑައިގެން ކަމަށެވެ. އަދި ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، އެ ބިލަކީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް އޮތް ބިލެއް ނޫން ކަމަށްވެސް ތަރުޖަމާނު ފާހަގަ ކުރައްވާފައިވެއެވެ.

ނައިބު ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާއި ގުޅޭ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.

އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވެ އެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތައިވޫކް

  ސާބަހޭ ޖަމީލް. ވެރިކަން ބަދަލުކުރަން ފޫގަޅާފަ ނިކުތީ ހިތުން މިވެރިންގެ އަތުން ތިމާއަށް މާމޮޅުތަކެއް ވާނެ ކަމަށްތަ. ދެން ހުރޭ އަތުން ހެދުނު ބިޑި ދެ ފަޔަށް ލައްވަން ތައްޔާރުވެގެން. ބަޣާވާތް ތަޙުގީގުކޮށްފަ ހުރިހާ އާލާތުން ޖަލަށް ގަޅާލާނެ. ޙައްހައްހާ

  2
  1
 2. ޝަމީމް ޖަޒީރާ ރާއްޖެ

  ބަލަގަ ދައުރު ނިމުނީމަ ނިމުނީ
  ރައްޔިތުންނައް އަސާސީ ޚިދުމައް ފޯރުކޮތް ނުދެވި ގެން އުޅޭއިރު ރައްޔިތުން ޓެކުސް ދައްކާފައިސާ އިން ދައުރު ނިމުމުން މިމީހުންގެ އަމްބޮޑި ބޮޑު ކޮއްދޭކައް ނުޖެހޭ
  ޝުކުރިއްޔާ ރައީސް އިބޫ

  1
  1