ޖުލައި މަހުން ފެށިގެން އާ ރަށްތަކެއް ރިސޯޓު ހެދުމަށް ދޫކުރުމަށް ބިޑަށް ހުޅުވާލަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މި ސަރުކާރު އައުމުން ވަނީ ރިސޯޓް ހެދުމަށް އާ ރަށްތަކެއް ދޫކުރުން މެދުކަނޑާލާފައެވެ. އެހެން ނަމަވެސް މިހާރު ރަށް ދޫކުރަން ނިންމާފައިވަނީ ގިނަ ދިރާސާތަކެއް ހެދުމަށްފަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯ އާއި ދިވެހި ރާއްޖެގެ ޓޫރިޒަމް ދިރާސާ ނިންމާލެވިއްޖެ. އެހެން ކަމުން ޖުލައި މަހުގެ ކުރިން އޮޕެން ބިޑިންގް އަށް ރަށްތައް ނެރެވޭނެ ކަމަށް މި ބަލަނީ. މިކަންތަށް ކުރިއަށް ދާނީ ކަމާބެހޭ މިނިސްޓްރީތަކާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު،” އަލީ ވަޙީދު ވިދާޅުވިއެވެ.

މިފަހަރު ރަށްތަށް ދޫކުރަން ނިންމާފައިވަނީ ރިސޯޓްތައް ނެތް ސަރަހައްދުތަކުންކަންވެސް ފާހަގަކޮށްލެވެއެވެ.

“މާލެ ވަނީ ފެންބޮޑުވެފައި، ކަރަންޓު ޑިވްލޮޕްމަންޓް އަތުވެއްޖެނަމަ 10،000 ބެޑުގެ އަދަދު އަރާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެންގެ އެބައޮތް ސެންޓްރަލް ޒޯނަށް 2،000 ބެޑްގެ ވައުދެއް. މި ވަރަށް ދޫކޮށްލިއްޔާ ހުރި ފަޅުތަކާއި ބެޑް ތަކާއެކު 10،000 ބެޑަށް އިތުރުވޭ އެބަ. މި ކަމަށް އެޑްރެސް ކުރާނެ އިކޮނޮމިކް ކައުންސިލްގައި. އަޅުގަނޑުމެން ބޭނުންވަނީ ސަސްޓޭނަބަލް ޓޫރިޒަމަށް ދާން،” އަލީ ވަހީދު ވިދާޅުވިއެވެ.

މި މިނިސްޓްރީ އިން އެންމެ ފަހުން އާއްމު ކުރިން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 140 ރިސޯޓު އަންނަނީ ހިންގަމުންނެވެ.