ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގޮނޑު ދޮށުގައި ވޯޓަރ ސޭފްޓީ ބޯޑުތައް ހަރުކޮށް، ލައިފް ގާރޑުން ބޭއްތިއްބުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މިއަހަރު ފަތުރުވެރިންގެ ދުވަސް އައުމުގެ ކުރިން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ލައިފް ގާޑުން ބައިތިއްބުމަށް ބޭނުންވާ ކަމަށާއި، މިކަމަކީ މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ކުޑަކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

"މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިިކަމުގެ ތެރޭގައި ހިނގާ ދިޔަ ހާދިސާތަކަށްފަހު، އަޅުގަނޑުމެން އިދާރަކުރެއްވިޔާ މި ލޯންޗު ކުރަނީ، ވޯޓަރ ސޭފްޓީ ޕްރޮގްރާމެއް. އެންމެ ފުރަތަމަ ހުޅުމާލޭގައި މިކަން ފެށިގެންދާނީ. އެއީ އެންމެ ގިނަ ޓޫރިސްޓު ބެޑް މިވަގުތު ހުރި ރަށް. ވޯޓަރ ސޭފްޓީ ބޯޑުތަކެއް މި ހަރުކުރަނީ މި ޕްރޮގްރާމުގެ ދަށުން. މިކަން މި ކުރަނީ ޓޫރިސްޓް ޕޮލިހާއި، ކޯސްގާރޑް އަދި އެމްއެންޑީއެފް އަދި ކަމާއި ބެހޭ އެހެން ފަރާތްތަކާއިވެސް ގުޅިގެން." އަލީ ވަޙީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީ ލައިގެން ޓޫރިސްޓުން އުޅޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި، މިކަމަށްވެސް ހައްލު ގެންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކައުންސިލް ތަކާއި ގުޅިގެން އެ ރަށްރަށުގެ އަތިރި މަތީގައި ވޯޓަރ ސޭފްޓީ ބޯޑުތަކެއް ބެހެއްޓުން. ބައެއް ފަހަރަށް އެބަ އާދޭ ބައެއް ޝަކުވާ ބިކިނީ އިޝޫގަ. މިކަންވެސް ހައްލު ކުރެވޭނީ ހުރިހާ އެންމެންގެ އެހީތެރިކަން ލިބިގެން. ދީނީ ކަންކަމަށް އަހައްމިއްޔަތު ދީގެން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ސޭފްޓީ ކޮމްޕްރޮމައިޒް ކުރާކަށް." އަލީ ވަހީދު ވިދާޅުވިއެވެ.

ހަމައެހެންމެ އަލީ ވަހީދު ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ޖެޓްސްކީ އެއް ބޭއްވުމަކީ ކުރާ އުންމީދެއް ކަމަށާއި، އިދާރަކުރެއްވިއްޔާ ޓޫރިޒަމް ސިނާއަތަށް އަންނަ ކުރިއެރުން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.

"ޢަޅުގަނޑުމެންނަށް މިހާރު ޤަބޫލުކުރެވެނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިފް ގާޑުން ބަހައްޓަން ޖެހޭކަމަށް. ރާއްޖޭގެ ބައެއް ރަށްރަށުގައި 100 ނުވަތަ 200 އެނދުވެސް އެބަހުރި. ދެން ގިނަ ފަހަރު ރަށްރަށުގެ އަތިރިމަތި ތަކުގަ އަބަދު މީހުންނެއް ނުތިބޭ. ދެން ހިތާމަވެރި ހާދިސާތައް ހިނގީމަ އޭގެ ގެއްލުން އަޅުގަނޑުމެންގެ ބްރޭންޑަށް ކުރާނެ. އެހެންކަމުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޖޫން ނުވަތަ ޖުލައި މަހުގެ ކުރިން ލައިފް ގާޑުން ތަމްރީންކޮށް ނިމޭނެ. އޭރަށް މޫދުގައި މި ދިމާވާ ހާދިސާތައް އަޅުގަނޑުމެންނަށް މަދުކުރެވޭނެ. އަޅުގަނޑުމެންގެ ޓާގެޓަކީ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ޖެޓްސްކީ ވެސް އޮތުން." ޢަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ރަނގަޅު ކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީ ކުރެވެން ހުރި ސަހަރައްދުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރުވެސް ގެންދަވަނީ ގިނަ ދަތުރު ތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަކުރު

    ގަރުނުގެ ބޮޑު ޖޯކް???????

  2. ހުސޭނުބޭ

    ތިމަކަށް ޖެހޭނެ ކޮންމެ ރަށެއްގެ މައްޗަށް 10 މިލިއަން ދިރުވައިލަން. ކަމެއް ނުކޮށްދިނަސް.......

  3. ގޮހޮރު

    ބަނޑޭ ނުކިޔާ ހދ އަތޮޅުގަ ރިސޯޓް ތައް ހަދާބަލަ