މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ކަނޑު އަޑިން ފެނިފައިވާއިރު، އެ މީހަކީ ށ.ޅައިމަގުން ގެއްލިގެން ހޯދި ލުތުފަރުކަމަށް މިހާރު ވަނީ ޔަޤީންކުރެވިފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން މި މައްސަލައިގައި އަަމަލީ ގޮތުން ބައިވެރިވެފައިވަނީ ދެ މީހުން ކަމަށް މީގެ ކުރިން ބެލެވުނެވެ. ނަމަވެސް ފުލުހުންގެ ތަޙުޤީޤަށް ހާމަވި ގޮތުގައި ކުރިމަގު ބޯޓުގައި މަަސައްކަތް ކުރި އަޚްތަރު ފިޔަވާ އަނެއް ތިން މީހުންވެސް ވަނީ ލުތުފަރު މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ.

މި މައްސަލަ އާއި ގުޅިގެން ކަނޑު އަޑިން ފެނުނު ލުތުފަރުގެ ހަށިގަނޑު މިހާރު ވަޅުލާފައިވާއިރު، މި ކަމުގައި ބައިވެރިވާ ތިން މީހުންވެސް ވަނީ މިކަން ހިނގިގޮތް ސާފުވާނެހެން އެ މަންޒަރުތައް ފުލުހުންގެ ކުރިމަތީގައި ކުޅެދީފައެވެ.

މިކަމުގެ މަންޒަރު ދުށް، ޅައިމަގު މީހަކު ބުނީ. އެމީހުންގެ މަންޒަރުތަކުން އެނގުނު ގޮތުގައި ލުތުފަރު މަރާލާފައިވަނީ ބޯޓު ތެރޭގައި ކަމަށާއި، މަރާލުމަށްފަހު އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ އެއްލާލާފައިވަނީ ޅައިމަގު ފަޅުތެރެއަށް ކަމަށެވެ. އަދި އޭގެފަހުން އެ ތިން މީހުންވެސް މޫދަށް ފައިބައިގެން، ލުތުފަރު ގެންދިޔައީ ބަނދަރަށް ވެލިވަދެގެން ކިހިފައިވާ ފަސްގަނޑަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

"ލުތުފަރު މަރާލާފައިވަނީ ބޯޓު ތެރޭގައި. އެކަން އެމީހުންގެ މަންޒަރުތަކުން ސާފުވޭ. އެމީހުން ދެން އޭނާ އެންމެ ފުރަތަމަ އެއްލާލީ ޅައިމަގު ފަޅުތެރެއަށް. އޭނާގެ ގައިގަ ވާގަނޑެއް އައްސާފަ އެއްލާލީ. ބެލެވޭގޮތުގައި ކަނޑުން އޭނާ ބޭރުކޮށްލަންވެގެން ބޭރު ތޮއްޓާއި ހަމައަށް ގެންދަން އޭނަ އެއްލާލީ. ދެން އެމީހުންވެސް މޫދަށް ފައިބައިގެން އޭނަ ގެންދިޔައީ ފަޅުތެރޭގައި ހިކިފައި ހުރި ވެލިގަނޑަކަށް ގެންގޮއްސަ އެ ކުރާ ކަމެއް ކުރީ." ޅައިމަގުން ވާހަކަ ދެއްކި މީހާ "ވަގުތު" އަށް ކިޔައިދިނެވެ.

އެމީހުންގެ މަންޒަރުތަކުން ފެންނަ ގޮތުގައި ލުތުފަރު މަރާލާފައިވަނީ އަށިގަށީގައި އެއްޗަކުން ޖެހުމަށްފަހު، ކަރުގައި ހިފައިގެން އޭނާ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި އޭގެ ފަހުން ބޯޓުގެ ކުރީކޮޅަށް އެ ތިން މީހުންވެސް ދާ މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ އަށް ހަދާނެ ގޮތެއް، ނުވަތަ އޭނާގެ ހަށިގަނޑު އެހެން މީހަކަށް ފެނިދާނެތީ އެކަމަށް ކޮންމެވެސް ގޮތްތަކެއް ރާވަން ވެގެން މަޝްވަރާކުރަން ވެގެންނެވެ.

"އެމީހުން ބޯޓުގެ ކުރީކޮޅުގަ ވާހަކަ ދައްކަން ތިބެފަ އައިސްފަ ލުތުފަރު ލައިގެން ހުރި ޓީޝާޓު ބާލާފަ، ރީނދޫ ކުލައިގެ ހަމެއް ގައިގައި އައްސާފަ އޭނަ ދޫކޮށްލީ. ދެން އެ ވެލިގަނޑަށް އޭނަ އަރުވާފަ އޭނާގެ މޭމަތީގަ އާއި ދެފައި އެއްކޮށްފަ ވެލި ބަސްތާ ބަނީ. ބަނދެފަ ކަނޑަށް ވާ ގޮތަށް އޭނަ ދޫކޮށްލީ." ޅައިމަގުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

ކަނޑު ފައްތާލުމަށްފަހު ލުތުފަރުގެ ޓީޝާޓު ވަޅުލީ ޅައިމަގުގެ ވަލުތެރޭގަ އެވެ. އެ އެއްޗެހި ވަޅުލާފައި ދެ ބިދޭސީން ނުކުތްތަން އެ ރަށުގެ އަންހެނަކަށް ވަނީ ކުރިން ފެނިފަ އެވެ.

ށ.ކުރިމަގު ބޯޓުގައި އެ ހާދިސާއެއް ހިނގި ރެ އަކީ އެރޭ ފަތިހު އެ ބޯޓު މާލެ ފުރުމަށް ތައްޔާރުކޮށްފައިވާ ރެއެކެވެ. ލުތުފަރަކީ އެ ބޯޓުގައި މަސައްކަތް ކުރުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ބޯޓަށް އެރި މީހެކެވެ. ލުތުފަރާއި އެކު އެބޯޓުގައި އެންމެ ގާތްކޮށް މަސައްކަތް ކޮށްފައިވަނީ ލުތުފަރު މަރާލުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުޙުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އަލަމިން އެވެ.