އައްޑުގައި ކޭބަލްޓީވީގެ ހިދްމަތް ދެމުން އަންނަ އައިލެންޑް ޓީވީ އަށް އިތުރު 4000 އަކަ ފޫޓޫގެ ބިމެއް ދޭން އައްޑޫ ސިޓީ ކައުންސިލް އިން ނިންމައިފިއެވެ.

އައިލެންޑް ޓީވީ އަށް އިތުރު ކޮށްދީފައިވަނީ އެ އޮފީސް ޖެހިގެން އޮންނަ ބިމުން 4000 އަކަ ފޫޓެވެ. ކައުންސިލުން ބިން އިތުރުކޮށްދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ހަވާލުވެވަޑައިގެން ކައުންސިލުން ބިން ދޫކުރުމުގެ ބާރު އަތުލާފައިވަނިކޮށް އެ ބާރު ދިނުމާއި ގުޅިގެންނެވެ.

އައިލޭންޑް ޓީވީ އިން ހުށަހެޅި ރިޕޯޓް ދިރާސާ ކޮށްފައިވަނީ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީންނެވެ. ރިޕޯޓްގައި ވާ ކަންކަމަށް ރިއާޔަތްކޮށް މި ކޮމިޓީއިން ވަނީ ރައްޔިތުންނަށް ދެމުންދާ ހިދަމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި އައިލެންޑް ޓީވީގެ ފަރާތުން އެދިފައިވާގޮތުގެ މަތިން 4000 އަކަފޫޓުގެ ބިން އިތުރުކޮށްދިނުމަށް ފެންނަކަމަށް ކައުންސިލް ބައްދަލުވުމުގެ އައުލަބިއްޔަތުން ނިންމައިގެންނެވެ.

މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ތިން ވަނަ ދައުރުގެ 83 ވަނަ ޖަލްސާގައެވެ. މި ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވީ 4 ކައުންސިލަރުންނެވެ. 3 ކައުންސިލަރަކު ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ. އަދި 1 ކައުންސިލަރަކު ނުފެންނަ ކަމަށް ވޯޓް ދީފައިވެއެވެ. މިނިންމެވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.

އައިލެންޓު ޓީވީ ބިމަކީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ ކްއެންޗު ރެސްޓޯރެންޓު އާއި އިންވެގެން ހުރި އިމާރާތެކެވެ. އައިލެންޑު ޓީވީއަށް ބިން އިތުރުކުރުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން އެބިން މިހާރު ވަނީ އައިލެންޑު ޓީވީން ސާފުކޮށްފައެވެ.

އައިލޭންޑް ޓީވީއަށް 4000 އަކަފޫޓުގެ ބިމެއް ހިތަދޫ އިން ދޭން ނިންމާފައިވާއިރު، ހިތަދޫގައި ހިންގާ ވިލާކޮލެޖަށް 45،000 އަކަފޫޓުގެ ބިމެއް ދިނުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަދީދީ

    ހިލޭތަ؟ ނޫނީ ކިހާވަރަރެއް؟

  2. އަތެއް

    އެކި ވެރިކަމުގަ ރައްޔިތުންނަށް ދޫކޮއްފައިވާ ބިންތައް އަދިވެސް ނުލިބިފައި، އެކަމަކު ކުންފުނި ތަކާއި ބޮޑެތި މަހުޖަނުން ނަށް ފަސޭހަ ކަމާއެކީ ބިން އެބަ ލިބޭ. ކޮން އިރަކުންތޯ ރައްޔިތު މީހާއަށް އިސްކަމެއް ދެވޭނީ؟ އެމީހާ މުއްސަނދި ވީމާތޯ؟ ރިޝްވަތު ގެ އަތެއް ދިއް ކޮށްލީމާތޯ؟

  3. ފައި

    މަގެ ބިން ކޮބާ؟