1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނި ތަކުގެ ހުއްދަ ބާތިލް ކޮށްދިނުމަށް އެދި މައްސަލަ އެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެކަން ކުރައްވާފައިވަނީ މިނިސްޓްރީގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުނުކޮށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ސިސިލްފަރު ހައްޖު ގުރޫޕުންނެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ، އެ ބޭފުޅުން އެ މައްސަލަ ހުށަހެޅުއްވީ، ހުށަހެޅި ހުށަހެޅުންތަކަށް މާކްސް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ކަމަށާއި، ނަމަވެސް މާކްސް ދިނުމުގައި ގެންގުޅޭ އުޞޫލުތައް އެބޭފުޅުންނާއިވެސް ޙިއްސާކޮށްފަ ވާނެ ކަމަށެވެ.

"ހައްޖަން މީހުން ގެންދިއުމަށް ހުށަހެޅި އެއް ކުންފުނިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ. އިވެލުވޭޝަންގެ ކަންކަން ގޮސްފަ އޮތީ ގޯސްކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ. މިހާރު އެވޯޑު ކޮށްފައިވާ ކުންފުނިތަކުގެ ހުއްދަ ބާޠިލްކޮށްދިނުމަށް އެދި އެ މައްސަލަ ކޯޓަށް ހުށަހަޅާފަ ވަނީ. ނަމަވެސް މިނިސްޓްރީގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ސާފުނުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ. އެބޭފުޅުން މައްސަލަ ހުށަހަޅާފައިވަނީ އެ ބޭފުޅުންނަކީ ވަރަށް ގިނަ ދުވަސް ވަންދެން މީހުން ހައްޖަށް ގެންދިޔަ ގުރޫޕަކަށްވާތީ، އެ ބޭފުޅުންގެ ތަޖުރިބާ އަށް ލިބެންޖެހޭ މާކްސް ނުލިބޭކަމަށް ބުނެ. ނަމަވެސް ތަޖުރިބާ އަށް މާކްސް ދިނުމުގަ ބަލާނެ ހަމަތައް އަޅުގަނޑުމެންގެ އުޞޫލުތަކުގެ ތެރޭގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އޮންނާނެ. ފަސް ބަޔަކަށް ބަލާފަ ތަޖުރިބާ އަށް މާކްސް ދޭ ގޮތައް އޮންނާނީ. އެ އުޞޫލު ރަނގަޅަށް ކިޔާލީމަ ސާފުވާނެ. ގިނަ ދުވަހު މީހުން ހައްޖަށް ފޮނުވުމެއް ނޫން އަޅުގަނޑުމެން ހަމައެކަނި ބަލާ ކަމަކީ." ޝާފިޢު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާފިޢު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަށްއެދި ހުށަހެޅި 18 ކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށާއި، މަޢުލޫމާތު ސާފުނުކޮށް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިން ކުންފުނިތަކަށް އެ ހުއްދަ ދިން އިރު އަޅުގަނޑުމެން ކަންތައްތަކެއް އޮޅުވާލާފައިވާ ވާހަކަ. ނަމަވެސް އެއީ ހަޤީޤަތަކާއި ޚިލާފު ވާހަކައެއް. ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅި 18 ކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ޝަކުވާ އެއް އަޅުގަނޑުމެންނަށް ހުށަހަޅާފައެއް ނެތް. އަޅުގަނޑުމެން މި ތިބީ އެބޭފުޅުންގެ ޝަކުވާތަކަށް ފުރިހަމަ އަށް އެއްބާރުލުންދޭން ތައްޔާރަށް. ކުންފުނިތަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްޞީލްވެސް މިހާރު ވާނީ ސަރުކާރުގެ ގެޒެޓުގައި ގެޒެޓް ކުރެވިފަ. ނޫސްތަކަށްވެސް އެ މަޢުލޫމާތު ދީފަ ވާނީ. މީގަ ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް. މިކަން ކޮށްފަވާނީ ވަރަށް ޓްރާންސްޕޭރެންޓް ކޮށް. އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑުމެން އެ މަޢުލޫމާތު ދޭނަން." ޝާފިޢު ވިދާޅުވިއެވެ.

ހަމައެހެންމެ ޝާފިޢު ވިދާޅުވީ، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކާއި އެކު މިއަދު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށާއި، މިހާރުން ފެށިގެން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ކޯޓާއި ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މިދިޔަ އާދިއްތަ ދުވަހު އަޅުގަނޑުމެން ވާނީ 1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް މި މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތައް އިއުލާންކޮށްފަ. އައި އެ އުޞޫލު ބުނާ ގޮތުން، އެ ކުންފުނިތަކާއި އަޅުގަނޑުމެންނާއި އެކު ވެވޭ އެއްބަސްވުމަކަށްފަހު، ހައްޖާއި ގުޅޭ އެއްވެސް މުޢާމަލާތެއް ކުރެވޭނީ. މިއަދު މި ވަނީ މިދެންނެވި އެގްރީމެންޓަކުގައި ސޮއި ކުރެވިފަ. އޭގެ މާނައަކީ ކޯޓާ ހޯދުމުގެ ކަންކަން މިހާރު ރައްޔިތުންނަށް ވަނީ ހުޅުވާލެވިފަ. ނަމަވެސް ހުއްދަ ދެވުނު ކުންފުނި ތައް މެދުވެރިކޮށް އެކަން ކުރެވޭނީ." ޝާފިޢު ވިދާޅުވިއެވެ.

1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދިނީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް, ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް, މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް, އެކްރޯ ޕްރައިވެޓް ލިމިޓެޑް, އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.