ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމުގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެއެވެ

ބަންޑާރަނައިބުގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދީބާޖާ އިންވެސްޓްމަންޓަށް 348.10 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ބުނާ ސިވިލް ކޯޓުގެ ޙުކުމް، ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައިވަނީ އެކޯޓުން 02 ސެޕްޓެމްބަރ 2015 އިން ފެށިގެން ޢަމަލުކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސް ނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އާ ޚިލާފަށްކަމަށްވާތީ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާޠިލްކުރުމަށް އަންގާރަ ދުވަހު ދައުލަތުންވަނީ ސިވިލް ކޯޓުގައި އެދިފައި ކަމަށެވެ.

ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙުކުމުގައި، ސިވިލް ކޯޓުގެ ޙުކުމަކީ، "ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނަ" ކަމަށް ބުނެފައިވާއިރު، ސިވިލް ކޯޓުގެ އެ ޙުކުމުގައި، ޙުކުމުގައިވާ ގޮތަށް ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުންވަނީ 26 ޖޫން 2018 ވަނަ ދުވަހު ސިވިލް ކޯޓުގެ ބުނެވިދިޔަ ޙުކުމް ބާޠިލްކޮށްފައި ކަމަށް ބަންޑާރަނައިބު އޮފީހުގެ ބަޔާނުގައި ވެއެވެ.

"ވީމާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލައި، ސިވިލް ކޯޓުގެ ޙުކުމަށް ޢަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީޚެއްކަމަށް ބަލަންޖެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރި ތާރީޚުން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ މުއްދަތެވެ. ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 13 މެއި 2019 ގައެވެ. އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރި ތާރީޚުން ފެށިގެން 26 (ސައްބީސް) ދުވަސް ފަހުންނެވެ. އަދި އޭގެ ތެރެއިން، ރަސްމީ މަސައްކަތު ދުވަހުގެ ގޮތުގައި ހިނގައިދިޔައީ 15 (ފަނަރަ) ދުވަހެވެ." ބަޔާނުގައި ވެއެވެ.

ޙުކުމް ތަންފީޒުކުރުމުގައި ސިވިލް ކޯޓުން ޢަމަލުކުރަމުން ގެންދާ އުޞޫލުގައިވާ ގޮތުން، 15 ފެބްރުއަރީ 2015 ގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުންގޮސް ފައިސާ ޚަލާސްކުރާގޮތަށް ޙުކުމްކޮށްފައިވާ މައްސަލަތަކުގައި، އެމަހަކަށްޖެހޭ ވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގައިފައިނުވާނަމަ، އެޙުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ޙުކުމުގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ސިވިލް ކޯޓުން ދީބާޖާގެ މައްސަލަ ހިންގާފައިވަނީ އެއުޞޫލާ ޚިލާފަށް ކަމަށް ބަންޑާރަނައިބު އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، 15 ފެބްރުއަރީ 2015 ގެ ކުރިން ކޮށްފައިވާ ޙުކުމެއްކަމަށްވެފައި، އުޞޫލުގައިވާ ގޮތުން، އެފަދަ ޙުކުމެއް ތަންފީޛުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުން ކަމަށް ވެސް ބަންޑާރަނައިބު އޮފީހުން ވިދާޅުވެއެވެ.

"އަދި އެމައްސަލައެއް ޙުކުމް ތަންފީޒު ޑިވިޜަނަށް ފޮނުވުމުގެ ކުރިން ސުލްޙަވެރި ޙައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަވެސް، ބުނެވިދިޔަ ކަންކަން އެގޮތަށް ފުރިހަމަކޮށްފައެއްނުވެއެވެ." ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އަދި 13 މެއި 2019 ވަނަ ދުވަހުގެ 10:45 ގައި ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުން ސިއްރުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމަށް ނުފެންނަ ކަމަށް ވެސް ބަންޑާރަނައިބު އޮފީހުގެ ބަޔާނުގައި ވެއެވެ.

ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކަކީ، ކޯޓުން ކުރިން ޙުކުމެއް އިއްވާފައިވާ މައްސަލަތަކެއްކަމަށްވެފައި، އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙަވާލާދީފައިވާ މާއްދާއިން ޙާޞިލްކުރުމަށް ބޭނުންވާ މަޤްޞަދު ހިމެނޭ ޟަރޫރަތެއް އޮތް މައްސަލަތަކެއްކަމަށް ބަލަންޖެހޭ ސަބަބެއް އޮތް މައްސަލަތަކެއް ނޫން ކަމަށް ބަންޑާރަނައިބު އޮފީހުން ވިދާޅުވެއެވެ.

ސިއްރު ހިފަހައްޓަންޖެހޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނުކުރުމަކާ ނުލައި، ސިވިލް ކޯޓުން މީޑިއާއަށް އެކަން އަންގާފައިވީނަމަވެސް، ދީބާޖާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ކަންހިނގާ ދިޔަ ގޮތުގެ މަޢުލޫމާތު ސިވިލް ކޯޓުން މީޑިއާއަށް ހާމަކުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަޞްލަޙަތެއް ޝާމިލުވާ މައްސަލައެއްގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގާދިޔަ ގޮތުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް އެންމެހައި ފަރާތްތަކަށް ލިބިދިނުމަށް ހުރަސްއެޅުންކަންވެސް ފާހަގަކުރާ ކަމަށް ބަންޑާރަނައިބު އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    މިއީ ހަމަ ބޮޑު ޖަރީމާ އެއް

  2. Anonymous

    މީނަވެސް މީ ހަމަ ބޮޑު ޖަރީމާއެއް ދައުލަތް ފަވާލުމުގެ ނިޔަތުގަ މީނަ މެދުވެރިވެގެނ މިދައުވާ ފުރަތަމަ ފެށީ މިމީހުންނައް ވެރިކަން ލިބުނީމަ މީތި އަނބުރާލަން މިއުޅރނީ މީނާ ގެ އަތެއް އެބަވޭ މިކަމުގެ މުގުލުގަ