ކަރާ އަކީ ތަރުކާރީ އަދި މޭވާގެ ތެރޭގައި ވެސް ގުނޭ ބާވަތެކެވެ. ކަރާގެ ޢިލްމީ ނަމަކީ ސިޓްރުއްލަސް ލެނޭޓަސް އެވެ.

ކަރާ އަކީ ހަށިގަނޑަށް ފައިދާ ހުރި މީރު މޭވާ އެކެވެ. ފެން ގިނަ ޢަދަދަކަށް އެކުލެވިގެންވާތީ ކަރު ހިއްކުން ފިލުވުމުގައި އެހީތެރި ވެދެއެވެ. ކަރާ ކެއުމުން ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދެއެވެ.

ކަރާ އިން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު ފުރަގަސް ފަރާތު ބަލި، ބަނޑު ހިކުން، މަސާނާ އަދި ގުރުދާގައި ހިލަ އުފެދުން، މައިދާ އަދި ގުރުދާ ސާފުކުރުން، ލޮލުގެ ފެނުން ސާފުވުން، ރީދޫ ވުން ލޭގެ ޕްރެޝަރު މަތިވުން، އަދި ބޮލުގައި ރިހުން ފަަދަ ކަންތައްތައް ކުޑަކުރުމުގައި އެހީތެރި ވެދެއެވެ.

ކަރާގައި ދަނގަޑު ގިނަ ޢަދަދަކަށް އެކުލެވިގެން ވެއެވެ. ކަރާ ކެއުމުން ހޫނުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ. ކަރާ ކެއުމުގައި ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އޮންނަ ވަގުތުގައި ކަމަށް ބުނެވެއެވެ.

މި ރޯދަ މަހަށް ބަލާއިރު، މާރުކޭޓުގައި އެންމެ ވިޔަފާރި ރަނގަޅު އެއް ބަވަތަކީވެސް ކަރައެވެ. ރޯދަ މަސް ފެށުމުގެ ކުރިން ކަރާ ކިލޯއެއް ލިބެން ހުރީ 35 ރުފިޔާ އާއި 45 ރުފިޔާ އާއި ދެކެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިހާރު އެ އަގު ދަށްވެ، ކަރާ ކިލޯއެއް 18 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ. މާރުކޭޓުގެ ވިޔަރާފިވެރިން ބުނާ ގޮތުގައި ކަރާ ގެ އަގަށް މި ބަދަލު މި އައީ، ރޯދަ މަސް ފެށުނު ފަހުން ބާޒާރަށް ކަރާ، އަތޮޅުތެރެއިން ގެންނަ މިންވަރު ގިނަވުމުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކަރާ ގެ އަގު ދަށްވާނެ ކަމަށެވެ.

"މިދިޔަ ރޯދަ މަހުވެސް މިހިސާބަށް އައިއިރު ކަރާގެ އަގު ހުރީ ވަރަށް ބޮޑަށް ދަށްވެފަ. އެއީ ރޯދަ އަށް ތައްޔާރު ވުމުގެ ގޮތުން ރަށްރަށުގައި ހެއްދި ކަރާ ދަނޑުތައް ފައްކާވެ ކަރާ ލިބެން ފެށުން. ކުރިއަށް އޮތް ތަނުގައިވެސް މި އަގު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ." ވިޔަފާރި ވެރިއަކު ބުންޏެވެ.

ކަރާ ގެ އިތުރުން މާރުކޭޓުގައި ވިއްކާ ވަރަށް ގިނަ ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަފާތުމަ

    އަޅެ 18 ރުފުޔާއަށް ހުރި ތަނެތްވެސް ބުނެލި ނަމަ