މާލެ ކައިރިން ދޯންޏަކާއި ބޯޓެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލޭ ކޮމާޝަލް ބަނދަރުގެ އުތުރު ފަރާތު ނެރާއި ދިމާލުން ކަނޑުމަތިން ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، ދެ އުޅަނދަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 13:00 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ނޯތު ހާބަރުން ނިކުތް ބޯޓެއް ވިލިމާލެ އާއި ދިމާލަށް ދަތުރުކުރަމުން ދަނިކޮށް ކޮމާޝަލް ހާބަރުން ފިލާ ބަރުކޮށްގެން ނިކުތް ދޯންޏެއް އެ ބޯޓުގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ ދޯނި ޖެހިފައި ވަނީ ބޯޓުގެ ވާއަތްފަރާތު ފަހަތު ކަނުގައެވެ. މި ހާދިސާގައި ދެ އުޅަނދަށް ގެއްލުން ލިބިފައިވާއިރު، އެކްސިޑެންޓުވި ބޯޓުގައި ހުރި ބައެއް މުދަލަށްވެސް ގެއްލުން ލިބިފައި ވެއެވެ.

"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. އަދި ދެ އުޅަނދު ދުއްވި ދެމީހުންގެ އަތުގައި ވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮވޭ،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ދޯނި ދުއްވި މީހާގެ އިހުމާލު އޮތްކަމަށް ބެލެވޭތީ އޭނާގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ލައިސަންސް ހިފަހައްޓަފައިވާ ކަމަށެވެ. މި ހާދިސާ އިތުރަށް ބަލައި ތަހުޤީޤު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.