މިއަދު މާލޭގައި ޕިކަޕަކައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު 14:06 ހާއިރު ދަތުރުވެރިންގެ މާރުކޭޓު ސަރަޙައްދުން ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓު ހިނގީ ސައިކަލު ދުއްވާފައި ދިޔަ މީހާ، ޕިކަޕް އޯވާޓޭކް ކުރުމަށް އުޅުނު ވަގުތުގައި އެ ޕިކަޕުގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ފިރިހެނަކަށެވެ. މި އެކްސިޑެންޓުގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، ފަރުވާ ކުރުމަށްފަހު އައިޖީއެމްއެޗުން އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ރޯދަ މަސް ފެށުނު ފަހުން އެކްސިޑެންޓު ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގައިވެސް މިއަދު ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އަދި އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފްގެ ކާރެއްގައި ސައިކަލެއް ޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ރޯދަމަހަށް މަގުތަކުގެ ޓްރެފިކް ރަގަޅު ކުރާނަމޭ ކިޔައިގެން ކޮންމެވެސް ބަޔަކު ވަރަށް ފޮނިކެޑި ! އެކަމަކު އެކްސިޑެންޓް ވަނީ ގިނަ ! ހަމަގައިމު ސްޓިކަރ ޖަހާލެއް ގިނަ ! މިއީދޯ ތިޔަގޮވި ޓްރެފިކް ބެލެހެއްޓުމަކީ ؟ ކިތަންމެ ވަރަކަށް މަގުތައް ބަންދުކޮށްގެން ތިއްބަސް ކަލޭމެނަކަށް ޓްރެފިކެއް ރަގަޅެއް ނުކުރެވޭނެ ! ދުއްވާ އުޅަދު ފަހަރުން ތަނެއް ފުރިގެން ބަންޑުން ވީމަ ރަގަޅު ކުރެވޭނެ ޓްރެފިކެއް ނޯންނާނެ !