ށ. ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރި މައްސަލައިގައި، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދާ، އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ވިދާޅުވެފައި ވަނީ ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާނެ ކަމަށާއި، އެ އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުންދާއިރު، އެ އަންހެން މީހާ ހޮޅި ދަނޑިއަކަށް ބަނދެ އަނިޔާކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިއަދު ދައުރުވެފައި ވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި އަންހެން މީހާގެ ފިރިމީހާއަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ ފަސް ދަރިން ތިބިއިރު އޭގެތެރެއިން އެއްކުއްޖެއްގެވެސް ސިކުނޑީގެ އުނިކަން ހުންނައިރު، އެމީހުން ދިރިއުޅެމުންދާ އާއިލާއާއެކު ކަމަށް ވެއެވެ.

މީގެ ކުރިންވެސް މި އަންހެން މީހާއަށް އަނިޔާކުރި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައި ވެއެވެ. އެގޮތުން އޭނާއަށް މީގެ ކުރިން ޖިންސީ އަނިޔާ ކުރި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހާމަކަން ބޮޑު ގޮތަކަށް އެމީހާއަށް އަނިޔާކޮށް ފޮޓޯ ނަގާފައި މިވަނީ މައްސަލަ ހުށަހެޅުމުންވެސް އެކަމާއި ގުޅިގެން ފިޔަވަޅެއް ނާޅާ ވަނިކޮށެވެ.

މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ އެ އަންހެން މީހާ މަގުމަތީގައި ހުރި ހޮޅިދަނޑިއަކަށް ބަނދެ ހައްޔަރުކޮށްފައި ހުރި މަންޒަރެވެ. އަދި އޭނާގެ ބޮލުގައި ގޯންޏެއް އަޅައި ބަންދުކޮށްފައި ހުރިއިރު ގުޑާ ނުލެވޭނެހެން ގައިގެ ވަށައިގެން ހޮޅިދަޑިއާއެކު ވާގަނޑަކުން ބަނދެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ފޭރާން

    ނުގެނެވޭނެ، ބަލަގަ މީ ދިވެހިރާއްޖެޔޭ ! ... ތިކަހަލަ ކިތައް އަގަ އަހަރުމެން މި ދެކުނީ !!

    18
    1
  2. ވަތަނަބޭ ބީ

    ތިކަންކުރީ ވޯޓުހޯދަން މަސައްކަތްކުރި އާޢިލާތަކުގާއިގުޅޭ ބަޔަކުކަމުގައިވީނަމަ، ވާނެއެއްކަމެއް ނޯންނާނެ. ޝިދާތާޖެހޭނީ ކަރުންނާރުނަގާފައި ހަޅޭއްލާލާހުންނަން. ބަލަންތިބޭ. ތިކަން ނުވެއްޖެނަމަ އިސްތިޣުފާދެއްވަފާނުތޯ؟ އެކަންކުރާކަށްވެސް ނުކެރޭނެ. ހިތްބުނާގޮތުންވިއްޔާ ތިވާނީ ޖަމަލުފޮޑިއަކަށް. އެނގިދާނެތާ.