ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނާއިބު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ޖަމީލް އަހުމަދު، ޕީޕީއެމް އޮފީހުގައި ބޭއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ޑރ. ޖަމީލް މި ތަރާވީހުގައި ބައިވެރިވެވަޑައިގެންފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި މަޤާމުން ދުރުކުރެއްވުމާއި ގުޅިގެން ދެބޭފުޅުންގެ ގުޅުން ހީނަރުވެ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރައްވާފައި ވަނިކޮށެވެ. ޑރ. ޖަމީލް ވަނީ އެ ނުތަނަވަސްކަމުގެ ތެރެއިން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން އިދިކޮޅު ހަރަކާތްތަކުގައި ވެސް އިސްކޮށް ބައިވެރިވެވަޑައިގެންފައެވެ.

ޑރ. ޖަމީން މިރޭ ރައީސް ޔާމިނާއެކު ޕީޕީއެމް އޮފީހުގައި އޮތް ތަރާވީހުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ދަޢުވަތު އެރުވުމުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެމަނިކުފާނު ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެކު މި ފެނިވަޑައިގަތީ، މިދިޔަ މަޖިލީސް އިންތިޚާބުގައި ޕީޕީއެމަށް ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން އެ ޕާޓީ ކޮޅައްޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައި ވަނިކޮށެވެ. އަދި ޕީޕީއެމްގެ ކައުންސިލުން ދާދި ފަހުން ވަނީ، ޑރ. ޖަމީލަށް އެ ޕާޓީގެ ލީޑާޝިޕާއި ގުޅިވަޑައިގަތުމުގެ ރުހުންވެސް ދީފައެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ތަރާވީހުގައި ޕީޕީއެމްގެ އިތުރުން ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނާއިބު ރައީސް އަހުމަދު ނިހާން އަދި ޕީއެންސީގެ ފަރާތުން މިފަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހިމެނިވަޑައިގަންނަވައެވެ. ނިހަން މިރޭގެ ހަފްލާގައި ޖަމީލާއެކު ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި އާންމުކޮށްފައިވާއިރު، އޭނާ ވިދާޅުވީ ޑރ. ޖަމީލަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅެއް ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގަތް ޑރ. ޖަމީލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމުގައި މިވަގުތު ހުންނެވި ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބެ

    މިއޮތީ ރާކަނިމަސް ކެވިފަ.. އޭރުވެސް ކިހާވަރަކަށް ކީން އެމްޑީޕީން ޖަމީލުމެން ބޭނުންކޮށްލާނީ ތުންފޮހެލާ ޓިޝޫ ކޮޅަކަށޭ.. ލަސްތަކެއް ވެއްޖެތަ.. ހީކުރީ މޮޅުތަކެއް ވާނެކަމަށް.. ދަންނަވަންތޯ ޖަމީލުގެ ފިކުރަކީ އަދި ޖަމީލު އަށް ކިރިޔާވެސް ތާއިދެއް އަދި އިޙްތިރާމެއް ކުރާނެ ބަޔަކީ ވެސް އެމްޑީޕީ އާއި ދެކޮޅު ފިކުރު.. އެހެން ގޮތަކަށް ބުނާނަމަ ޕީޕީއެމް. މައުމޫނު މަތިންވެސް ދިވެހިން ފޫހިވެއްޖެ އެމްޑީޕީ ފަޅިއަށް އެރީމަ.. ދެން ޖަމީލު އަށް ވެސް އެންމެ ރަނގަޅުވާނީ އެކުވެރި ހަސަން ސައީދު ހެދިހެން ސިޔާސީ ހަޔާތް ނިންމާލާފަ ގޭގަ މަޑުން އޮތިއްޔާ..

    31
    3
  2. އަހްމަދު

    ނިހާންގެ ބޮލަށް ތިހިރީ ދޮންވެލި އުކާފާތަ؟

  3. މަސްވެރިޔާ

    ޑރ. ޖަމީލް ޕީޕީއެމް އާއި ގުޅިވަޑައިގަތުން މުހިންމު، ޔައުނީ މެންބަރުން އިއްޔެވެސް މިއަދުވެސް ޖަމީލަށް ތާއިދުކުރޭ، ރ.ޔާމިންގެ ޑިޕިއުޓީ އަކަށް ހުރެ އަނެއްކާ ވަރުގަދަ ވެރިކަމެއް ޤާއިމް ކުރައްވާ، އެހެން އެއްވެސް ޕާޓީއެއްގެ މެންބަރުން ޖަމީލަށް އިހުތިރާމް ނުކުރިއަސް މަމެންގެ އިހުތިރާމާއި ލޯބި ޖަމީލަށް އެބައޮތް. ވަރަށް ލޯބިން އިންނަ ދެމަފިރިޔަކުވެސް ވަރިވެދާނެ، އެކަމަކު އަލުން އިންނަނީ ދެމީހުންގެ ލޯބި ހިތާގިތުން ގުޅޭތީ.

    5
    1