މިމަހުގެ 28 ވަނަ ދުވަހު ހުވައި ކުރައްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ކުޑަހުވަދޫ ދާއިރާގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަހްމަދު އާމިރު ނިންމަވައިފިއެވެ.

އާމިރު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ނިންމެވީ ރައްޔިތުން ބޭނުންވާ ގޮތައް މަސައްކަތް ކުރާ މަޖިލީހެއްގައި މަޖިލީހުގެ ރައީސް ކަން ލިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކު މަޖިލީހުގެ ނައިބު ރައީސް ކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

"17 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ޑީއާރްޕީ މެންބަރަކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ވުމުން ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ ޕީއޭ މެންބަރެއް. 18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެންބަރަކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ވުމުން ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ އެމްޑީޕީ މެންބަރެއް. މިފަހަރު ވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކުރިމަތިލާން މިނިންމީ." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ކުރިއަށް އޮތީ މަޖިލީހުގައި އޭނާގެ މެންބަރު ކަމުގެ ތިން ވަނަ ދައުރު ކަމުން މަޖިލީހުގެ މަސައްކަތުގެ ތަޖުރިބާ ވެސް ރަނގަޅަށް ލިބިވަޑައިގެންފައި ހުންނެވި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ރައްޔިތުން މަޖިލީހަށް ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރި ހައިސިއްޔަތާއި ހިލާފުވެފައެއް ނުވާނެ. ރައްޔިތުން ބޭނުންވި ގޮތައް މަސައްކަތް ކޮށްފައި ވާނީ. ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތައް." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭނާ ވަޑައިގަތުމަށް "އަޅުގަނޑުމެން ފިކުރުގެ ބޭފުޅުންނާއި މަޝްވަރާކޮށްފިން." ކަމަށެވެ. އެމެންބަރުންގެ އިތުރުން ޖޭޕީ މެންބަރުންގެ ތާއިދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އާމިރު ވިދާޅުވިއެވެ. އަދި އެމްޑީޕީ މެންބަރުންގެ ތާއިދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވިއިރު އެމްޑީޕީން ވަނީ މަޖިލީހުގެ ސްޕަ މެޖޯރިޓީ ހޯދާފައެވެ. އެހެންކަމުން އެމްޑީޕީގެ ގިނަ މެންބަރުންތަކެއްގެ ތާއިދު ނުލިބި މަޖިލީހުގެ ނައިބު ރައީސް ކަން އާމިރަށް ކާމިޔާބެއް ނުކުރެވޭނެއެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާނީ ސިއްރު ވޯޓަކުންނެވެ.