މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕަށް ނުލިބުމުން އެޖަމާޢަތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަަލަ ޑިސްޕިއުޓް މަރުހަލާގައި މަޝްވަރާ ކޮށްގެން ހައްލު ނުވުމުން އެ މައްސަލަ ޝަރީއަތް ގެންދަން ނިންމައިފިއެވެ.

ސިސިލްފަރު ގްރޫޕުން، އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ އިންސާފު ވެރިކަމާ އެކު ނޫން ކަމަށް ބުނެއެވެ.

ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ މި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން ޝަރީއަތައް ފޮނުވަން ނިންމާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، ސިސިލްފަރު ގްރޫޕަކީ 35 އަހަރު ވަންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 0.7 އިންސައްތަ މާކްސްއެވެ.

ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިނުމުން މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ފޮނުވަން ހަމަޖެއްސި ޖަމާޢަތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.