މިއަހަރުގެ ދައުލަތުގެ ބަޖެޓުން ޕީޕީއެމް އަށް ލިބެން ޖެހޭ ފައިސާ އެޕާޓީއަށް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. ނަމަވެސް މިޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރާނީ އެމްޑީޕީ ޖޭޕީ އަދި އެމްޑީއޭ އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އެތިން ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީޕީއެމަށް ފައިސާ ނުދޭން ނިންމީ، އެ ޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް ހުރެގެން އެ ރިޕޯޓް އިސްލާހު ކުރަން ފޮނުވާފައިވުމުން ކަމަށެވެ. އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ޕީޕީއެމަށް ފައިސާ ދޫކުރައްވާނެކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިދިޔަ އަހަރު ޕީޕީއެމްގެ ވެރިކަން ވެއްޓުނު ފަހުން އިލެކްޝަންސް ކޮމިޝަންގެ ނިންމުންތައް ގިނަ ފަހަރަށް އައިސްފައި ވަނީ ޕީޕީއެމް އާއި ދެކޮޅަށެވެ. މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެޕާޓީއަށް ލިބެން ޖެހޭ ފައިސާ ވެސް އިލެކްޝަންސް ކޮމިޝަނުން ހިފެހެއްޓިއެވެ. ފަހުން އެފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން ފިނޭންސް މިނިސްޓްރީން ވެސް ފައިސާ ދޫނުކޮށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށް ފަހު ފައިސާ ދޫކުރީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ޕާޓީތަކަށް ދޫކުރަން ނިންމި ފައިސާގެ އަދަދެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަށުއި

    ތިޔަކޮމިޝަނުގައި ތިތިބަ މީހުނަށްވުރެ މާގާބިލް މީހުން މިގައުމުގައި އެބަތިބި! ތިޔައީ ތިކަމަށްގާބިލް ބައެއްނޫން! މިކަމާމެދު އައްނަ މެމްބަރުން ވިސްނުމަށް ގޮވާލަން.

  2. ކާފަބޭ2019

    ފެނުނުމަންޒަރަކުން ހަޖަމުގޯސްވެއްޖެ ޝަރީފޫތިގޮތުގައި ކިހާދުވަހަކުހިފަހައްޓާލެވޭނެތޯ މިއަދުތިޔަހެންވިޔަސް އެކަނިއޮންނަންޖެހޭދުވަހު ކުރެވޭނެކަމެއްއޮންނާނެބާ ބަޔެއްގެއެހީތެރިކަމާނުލާ އައުރަވެސްނިވާނުކުރެވޭނެދުވަސް ވަރަށްކައިރިވެސް ވެދާނެ

    7
    1
  3. ހުސޭނުބޭ

    ޕީޕީއެމް އާ ތިހާ ހިތާވަންޏާ އިންނަންވީނު!

    17
    1
  4. އަލްޖިބްރާ

    ޕީ.ޕީ އެމް އާއި ހިތާވިލެއް ބޮޑުކަމުން ތިތިބީ ބާކީކޮށް ނަގާ ހޫރާލާފައެވެ. ހިތާވެވޭނީ މިހާވަރަކަށްނު ؟

    1
    2