މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ ލުތުފަރު، މަރާލި ގޮތާއި، އޭގެ ފަހުން ހަށިގަނޑާމެދު ކަންތައް ކުރި ގޮތް ފުލުހުން ކިޔާދީފި އެވެ.

"މި މައްސަލައިގެ މަޢުލޫމާތު ފުރަތަމަ ފުލުހުންނަށް ލިބިފައިވަނީ 2019 އެޕްރީލް 22 ވަނަ ދުވަހުގެ 12:17 ހާއިރު، ޅައިމަގު ކައުންސިލްގެ ރައީސް ފޯނުން ގުޅާ އެ މަޢުލޫމާތު، ފުނަދޫ ޕޮލިސް ސްޓޭޝަން އަށް ރިޕޯޓު ކުރުމުން. ރިޕޯޓު ކޮށްފައިވަނީ ޅައިމަގުގައި ދުއްވާ ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ލުތުފަރު ގެއްލިގެން އުޅޭ މައްސަލަ. އެ ބޯޓު އެރޭ ފަތިހު މާލެ ދާން ފުރިއިރު، ބޯޓުގައި އޭނާ ނެތް ކަމާއި، އަދި އޭނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ކައުންސިލަށްވެސް އަދި އެ ބޯޓުގެ ކެޕްޓަނަށްވެސް ލިބިފައި ނެތް ކަމަށް ފުލުހުންނަށް ވަނީ އަންގާފަ. އޭނާ އަކީ އެ ބޯޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި އިރު ކުރިމަގު ބޯޓު ދަނީ ށ.ޅައިމަގުން ފުރައިގެން މާލެ އަށް ދަތުރުކުރަމުން. މި ހާދިސާ އާއި ގުޅޭ މަޢުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން، އެކަމާއި ގުޅުންހުރި މަޢުލޫމާތު ތައް، އެ ރަށު ކައުންސިލްގެ ރައީސް އާއި އަދި އެ ބޯޓުގެ ކެޕްޓަނާއި ގުޅައިގެން އަޅުގަނޑުމެން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުން. އަދި އެކަމާއި ގުޅޭ މަޢުލޫމާތު މާލޭގައި ތިބި ފުލުހުންގެ ކަމާއި ގުޅޭ ފަރާތްތަކާއި ހިއްސާ ކޮށް، އަދި މާލޭއިން ކުރަންޖެހޭ މަސައްކަތްތައް މާލޭގައި ތިބި ފުލުހުންވެސް ވަނީ ފަށާފައި. އެގޮތުން އެ ވަގުތު ބޯޓު ދަތުރުކުރަނީ މާލެ އަށް ކަމަށް ވާތީ، މާލޭގައި ތިއްބެވި ފުލުހުން ބޯޓާއި މުޢާމަލާތްކޮށް، ފުލުހުންގެ އިރުޝާދުގެ ދަށުން މާލޭ ފަޅަށް ބޯޓު ވައްދާ، ބޯޓު ވަނުމާއި އެކު ބޯޓަށް ފުލުހުން އަރައިގެން އެ ބޯޓުގައި މަސައްކަތް ކުރަމުން އައި މީހުންނާއި އަދި ބޯޓުގެ ކެޕްޓަނާއި ވަނީ ސުވާލުކުރެވިފައި. އަދި ބޭނުންވާ ބައެއް ފޮޓޯ ތައްވެސް އެވަގުތު ވާނީ ނެގިފަ." މި މައްސަލައާއި ގުޅިގެން މަޢުލޫމާތު ދެއްވި، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓްގެ ހެޑް، ސްޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވިއެވެ.

ލުތުފަރުގެ މަރާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ފުލުހުން އިތުރަށް ވިދާޅުވީ، ބޯޓުގައި ބާކީ ތިބި ހަަތަރު ބިދޭސީންގެ ފަރާތުން ތަޙުޤީޤަށް ބޭނުންވާ ބައެއް މަޢުލޫމާތު އެވަގުތު ނަގާފައިވާ ކަމަށާއި، ނަމަވެސް ލުތުފަރަށްވީ ގޮތް އެމީހުންނަށް ނޭނގޭކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

"އެ މައްސަލައިގެ ތަޙުޤީަށް ބޭނުންވާ ބޯޓުގައި ހުރި ބައެއް ތަކެތި ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެންދެވިފަ. އަދި އިތުރަށް ބަލާ ފާސްކުރަންޖެހޭ ތަންތަން ބޯޓުގެ ކެޕްޓަން ގެ ހުއްދަ އާއި އެކު އަޅުގަނޑުމެން ވާނީ ސާފުކޮށްފަ. ފުލުހުންނާއި ޅައިމަގު ކައުންސިލްގެ އިސް ނެގުމާއި އެކު އެރަށު ރައްޔިތުންނާއި އެކު ރަށުގައި މީހުން އުޅޭ ތަންތަނާއި ފަޅު ތަންތަން ހިމެނޭ ގޮތަށް މުޅި ރަށް ވަނީ ބަލާ ފާސްކުރެވިފަ. ނަމަވެސް މި ހޯދުން ތަކުން އެއްވެސް ކަހަލަ ނިޝާނެއް ހޯދިފައެއް ނުވޭ. އަދި ފަޅުތެރެއާއި ގޮނޑޮދޮށުގެ އިތުރުން ވަލުތެރޭގެ ވަރަށް ބޮޑު ބައެއް ވަނީ ބަލާ ފާސްކުރެވިފަ. އެ ބޯޓުގައި ލުތުފަރުގެ އިތުރުން މަސައްކަތް ކުރާ އަނެއް ހަތަރު ބިދޭސީ މީހުންނަކީވެސް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ މީހުންކަން ފުލުހުންގެ ތަޤުޤީގަށްވަނީ ކަށަވަރުވެފަ. ލުތުފަރުގެ އިތުރުން ބޯޓުގައި ދެން ތިބި، އަނެއް ހަތަރު މީހުންނަކީ، އަލަމިން (29)، ނޫރުލް އިސްލާމް (18)، އަޚްތަރު ޙުސައިން، އަދި ހަނީފް ބްރަދާ. ލުތުފަރު އާއި ގުޅިގެން މި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އޭނާ އެންމެ އެންމެ ފަހުން ފެނިފައިވަނީ 2019 އެޕްރީލް 21 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު ކުރިމަގު ބޯޓުގައި އުޅެނިކޮށް ކަމަށް ވަނީ އެނގިފަ. އަދި އާއްމުގޮތެއްގައި އެ ބޯޓުގައި އުޅެނީ އެމީހުން އެކަނި ކަމާއި، އެމީހުން ނިދާ ކައިބޯ ހަދަނީ ބޯޓުގައި ކަންވެސް ވަނީ ޔަޤީން ކުރެވިފަ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ޝިފާޢު ވިދާޅުވީ، އެ ހާދިސާ ހިނގިރޭ ބޯޓުން އާދަޔާ ޚިލާފު ބާރު އަޑެއް އެރަށުގެ ބަނދަރުގައި ތިބި މީހުންނަށް އިވުނު ކަމަށާއި، ނަމަވެސް އެމީހުން ގޮސް ބޯޓުގައި އެވަގުތު ހުރި ނޫރުލް އިސްލާމް އާއި ސުވާލުކުރުމުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށެވެ.

"ލުތުފަރު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ލުތުފަރު ވަނީ މަރާލުމަށް ފަހު ކަނޑަށް ދޫކޮށްލާފައި ކަމަށް ފުލުހުންގެ ތަޙުޤީޤަށް ލިބުނު މަޢުލޫމާތު އެމީހުންގެ ފަރާތުން ލިބުމުގެ ކުރިން، ފުލުހުން ވަނީ، ޑައިވް ޓީމުތައް މެދުވެރިކޮށް ކަނޑުގެ ބޮޑު ބައެއް ސްނޯކަލް ކޮށްފަ. އަދި ޅައިމަގުގެ އިތުރުން އެ އަތޮޅުގެ ހަ ރަށެއްގެ ގޮނޑު ދޮށާއި، ރަށުތެރެ ބަލާ ފާސްކޮށްފައިވޭ. ނަމަވެސް އެއިން އެއްވެސް ރަށަކުން ލުތުފަރާއި ގުޅޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ. ހާދިސާ ހިނގިރޭގައި ހާދިސާ ހިނގި ސަރަހައްދުގައި އުޅުނު މީހުންގެ މަޢުލޫމާތުތަކުން އެނގުނު ގޮތުގައި 2019 އެޕްރީލް 21 ވަނަ ދުވަހުގެ ރޭ 21:30 އާއި 22:30 އާއި ދެމެދު އާދަޔާ ޚިލާފު ބާރުު އަޑުތަކެއް ވަނީ އެ ބޯޓުން އިވިފަ. އަދި މިދެންނެވި އަޑުތަށް އެ ސަރަހައްދުގައި އުޅުނު ފަރާތްތަކަށް އިވުމުން ހަމަ އެވަގުތު އެ ފަރާތްތަކުން ބޯޓު ކައިރިއަށް ގޮސް އެ ވަގުތު އެ އިވުނީ ކޮން އަޑުތަކެއް ކަން ސާފުކުރުމަށް ބޯޓުގައި ފެންނަން ތިބި މީހުންނާއި ސުވާލުކޮށްފައިވޭ. އޭރު ބޯޓުގައި މަސައްކަތް ކުރާ ނޫރުލް އިސްލާމް ބޯޓުގައި ހުރިކަން އެނގޭ އިރު، އެކަކު ބޯޓުގައި ނިދާފައި އޮތް ކަމާއި ނަމަވެސް ބާކީ ތިބި މީހުން ފެންނަން ނެތްކަން އެނގޭ. އަދި އޭރު އެ އިވުނު އަޑަކީ ނޫރުލް އިސްލާމް އޭނާގެ އަންހެނުންނާއި ގުޅައިގެން ޒުވާބު ކުރި އަޑުކަމަށް އޭނާ ވަނީ އެ ވަގުތު އެމީހުންނަށް މައުލޫމާތު ދީފައިކަމަށްވެސް ތަޙުޤީޤަށް ވަނީ އެނގިފަ. މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަމަ އެ ގަޑިއަށް ވާ ކަހަލަގޮތަކަށް ބޯޓުގެ ކެޕްޓަންވެސް ބޯޓަށް އައިކަން ތަޙުޤީޤަށް އެނގޭ. އަދި އެވާހަކަތައް އެ ސަރަހައްދުގައި ތިބި މީހުން ބޯޓުގެ ކެޕްޓަނާއި ހިއްސާ ކުރުމުން އެކަމާއި ގުޅިގެން ނޫރުލް އިސްލާމް އާއި ސުވާލުކޮށްފައިވާކަން އެނގޭ. ނަމަވެސް އެ ވަގުތު ވެސް ނޫރުލް އިސްލާމް ބުނެފައިވަނީ އެއީ އަންހެނުންނާއި ގުޅައިގެން ޒުވާނު ކުރުމުން އިވުނު އަޑެއް ކަމަށް." ޝިފާއު ވިދާޅުވިއެވެ.

ލުތުފަރުގެ މަރާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ހަމައެހެންމެ ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި ތަޙުޤީޤު އިތުރަށް ފުޅާކުރުމަށްޓަކައި، ސީރިއަސް އެންޑް އޮގަނައިޒް ޑިޕާރޓްމަންޓްގެ ޓީމެއް އެރަށް ދިޔަ ކަމަށާއި، އެގޮތުން ގިނަ އަދަދެއްގެ މީހުންނާއި ސުވާލުކޮށް ބަޔާންތައް ނެގިފައިވާ ކަމަށެވެ.

"ކެޕްޓަން އެ ސުވާލު ނޫރުލް އިސްލާމް އާއި ކުރުމަށްފަހު، ބޯޓުގައި އޮތް ކޮތަޅެއް ބޯޓުން ނަގައިގެން އެއްގަމަށް ގޮސްފައިވާ ކަަން ވަނީ އެނގިފަ. އަދި ކެޕްޓަން އެ ވަގުތު ބޯޓަށް އަރާފައެއް ނުވޭ. މިދެންނެވި ވަގުތުގެ ފަހުންވެސް، އެރޭ 1:30 ހާއިރު، ބޯޓުން މޫދަށް އެއްޗެއް ވެއްޓުނު އަޑު ކަހަލަ އަޑެއް އެ ސަރަހައްދުގައި ހުރި އިތުރު ފަރާތަކަށް ވަނީ އިވިފަ. ބޯޓު ފުރުމުގެ ކުރިން އެރޭގެ 3:30 ހާއިރު އެރަށު އަންހެނަކާއި ފިރިހެނަކާއި ކުޑަ ކުއްޖަކު އެރޭ ބޯޓަށް އެރި ކަމަށާއި، އެ ބޯޓުގައި ހުރި ބަންގްލަދޭޝް މީހަކާ އެމީހުން ވާހަކަ ދައްކާފައިވާ ކަމަށްވެސް ފުލުުހުންގެ ތަހުޤީޤަށް ވަނީ މަޢުލޫމާތު ލިބިފަ. އަދި އެމީހުންނަކީ ބޯޓުން މާލެ ދިއުމަށް ފުރަން އައި މީހުން ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފަ. އަދި އެވަގުތު އެކަކު ފިޔަވާ އެހެން އެއްވެސް މީހަކު ބޯޓުން ފެންނަން ނެތް ކަމަށްވެސް އެމީހުން ވަނީ މަޢުލޫމާތު ދީފަ. އެރޭ އެމީހުން ވާހަކަ ދެއްކި މީހަކީ ނޫރުލް އިސްލާމް ކަމަށްވެސް ތަޙުޤީޤަށް ވަނީ ފާހަގަ ކުރެވިފަ. ތަހުޤީޤަށް ލިބުނު މި މަޢުލޫމާތުގެ އަލީގައި ތަޙުޤީޤު އިތުރަށް ފުޅާކުރުމަށްޓަކައި، ސީރިއަސް ކްރައިޒް ޑިޕާރޓްމަންޓްގެ ޓީމެއް ފުނަދޫ އަށް ގޮސް، ރޭވުންތެރިކަމާއި އެކު އެ ތަހުޤީޤުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށި. އަދި އެޓީމުގެ ބޭފުޅުން ޅައިމަގަށް ގޮސް، އެ ރަށުގައި އުޅޭ އެހެން ބިދޭސީންނާއި، އެ ރަށުގެ އެހެނިހެން ބޭފުޅުންނާއި ސުވާލުކޮށް ތަޙުޤީޤަށް ބޭނުންވާ އެތައް މަޢުލޫމާތެއް ވަނީ ނަގާފަ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ޝިފާޢު ވިދާޅުވީ، އޭނާ މަރާލާފައިވަނީ އެއްޖިއްސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށާއި، މަރާލާފައިވަނީ ޖިސްމާނީ އަނިޔާތަކެއް ދިނުމަށްފަހު ނޭވާ ހާސްކޮށްފައިގެން ކަމަށެވެ.

"ކުރެވުނު ތަޙުޤީޤުން ލިބުނު މަޢުލޫމާތުން އެނގުނު ގޮތުގައި ބޯޓުގައި މަސައްކަތް ކުރި އަނެއް ހަތަރު މީހުންނާއި ލުތުފަރާއި ގުޅުންތަކެއް ހުރި ކަމާއި، އަދި ލުތުފަރު މަރާލުމަށްފަހު، ކަނޑަށް ދޫކޮށް ގެއްލުވާލުމަށް މަސަައްކަތް ކޮށްފައިވާކަން ވަނީ ތަޙުޤީޤަށް އެނގިފަ. އަދި މީގެ ކުރިން އެ މަޢުލޫމާތު ދިނުމުގައި އެމީހުން ވަނީ ވަރަށް ބޮޑެތި އޮޅުވާލުން ތަކެއް އޮޅުވާލާފައި ކަމަށްވެސް ފުލުހުންނަށް ވަނީ ޔަޤީން ކުރެވިފަ. އެމީހުން ވަނީ ލުތުފަރަށް ޖިސްމާނީ އަނިޔާތަކެއް ދިނުމަށްފަހު، އެނާގެ ހަށިގަނޑު ގެއްލުވާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވި، އެ ތުހުމަތުގައި އެ ހަތަރު މީހުންވެސް ހައްޔަރު ކުރެވުނު. އެންމެ ފުރަތަމަ ހައްޔަރު ކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2019 މެއި 1 ވަނަ ދުވަހު. ހައްޔަރުކޮށްފައިވަނީ އަލަމިން އަދި ނޫރުލް އިސްލާމް. އަދި އޭގެ ފަހުން 2019 މެއި 2 ވަނަ ދުވަހު އަޚްތަރު އަދި ހަނީފް ވަނީ ހައްޔަރު ކުރެވިފަ. މި މައްސަލައިގެ ތަހުޤީޤަށް އެމީހުން ދީފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، 2019 އެޕްރީލް 21 ވަނަ ދުވަހުގެ ރޭ 21:30 އާއި ހަމައަށް އެ ބޯޓުގައި މަސައްކަތް ކުރާ 5 މީހުންވެސް އެ ބޯޓުގައި ތިބި ކަން ފާހަގަ ކުރެވޭ. ލުތުފަރަކީ އެ ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ އެހެން ބިދޭސީން މީހުންނާއި އެއް ޖިއްސުން ގުޅުން ހިންގުމަށް މަސައްކަތް ކުރި މީހެއްކަން ވަނީ އެނގިފަ. 2019 އެޕްރީލް 21 ވަނަ ދުވަހުގެ ރޭ 21:20 އާއި 22:30 އާއި ދެމެދު އެ ބޯޓުގައި އޮތް ބިދޭސީ މީހަކާއި އެއް ޖިއްސުން ގުޅުން ހިނގުމަށް މަސައްކަތް ކުރި ކަމަށާއި، އޭނާ މަރާލާފައިވަނީ އެކަމާއި ނުރުހުން ވެގެން ކަމަށް ތަޙުޤީޤަށް ވަނީ ޔަޤީން ކުރެވިފަ. ލުތުފަރު މަރާލާފައި ވަނީ އަލަމިން އާއި، ނޫރުލް އިސްލާމް އާއި، އަޚްތަރު ހުސައިން ބައިވެރިވެގެން ބޯޓުގެ ވާއަތް ފަރާތުގެ ދިރުނބާ ކޮޅާއި ވީ ހިސާބު ތައްޓު މަތީގައި ބާއްވާ ނޭވާ ހާސްކޮށްލުމަށްފަހުގައިކަން ފާހަގަ ކޮށްލެވޭ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ޝިފާޢު ވިދާޅުވީ، ލުތުފަރު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ފަޅުތެރެއަށް ވައްޓާލި ކަމަށާއި، ނަމަވެސް މާގިނަ އިރުތަކެއް ނުވެ އަލުން، ބޯޓަށް ނެގި ކަމަށެވެ.

"ބޯޓު އެވަގުތު އޮތީ ބަނދަރު ތޮށިގަނޑާއި 10 ވަރަކަށް ފޫޓު ބޭރަށް ޖައްސާފައި ކަމަށްވާތީ، އެ ބޯޓަށް އެމީހުން ވިޔަފާ އެހެން އެއްވެސް މީހަކު އަރާފައެއް ނުވޭ. އެރޭ ބޯޓުން އެ އިވުނު އަޑުތަކާއި ގުޅިގެން އެރަށުގެ ބަޔަކު އައިސް، އެ އިވުނީ ކޮން އަޑެއްތޯ ސުވާލުކުރުމުން އެ ބޯޓުގައ އެ ވަގުތު ހުރި ނޫރުލް އިސްލާމްވަނީ އެމީހުންނަށް ދޮގު މަޢުލޫމާތު ދީ އޮޅުވާލާފަ. އަދި އެވަގުތުވެސް އަނެއް ދެ މީހުން ބޯޓު ތެރޭގައި ފިލާ ތިބި ކަމަށާއި އެމީހުން ފިލާ ތިބީ މަރާލާފައި އޮތް ލުތުފަރުގެ ކައިރީގައި ކަމަށް ތަޙުޤީޤަށްވަނީ މަޢުލޫމާތު ލިބިފަ. މީގެ އިތުރުން އެވަގުތު އެއްގަމުގައި ތިބި މީހުންގެ ތެރެއިން މީހަކު ބޯޓަށް އަރާފާނެ ކަމުގެ ބިރަށް، ލުތުފަރުގެ ދެފައި ބަމުނަށްފަހު އޭނާގެ ހަށިގަނޑު ވަނީ މޫދު އަޑިއަށް ދޫކޮށްލާފަ. އޭގެ ވަގުތު ކޮޅެއްފަހުން، ބޯޓުކައިރި ތިބި މީހުން އެއްގަމަށް ދިއުމުން، އަދި ބޯޓު ކައިރިއަށް އައި ބޯޓުގެ ކެޕްޓަންވެސް ބޯޓު ކައިރިން ދިއުމުން، ނޫރުލް އިސްލާމް މޫދަށް ފައިބާ، ލުތުފަރުގެ ހަށިގަނޑު ފެންމައްޗަށް ނަގައި، ބޯޓުގައި ތިބި އަޚްތަރު އާއި އަލަމިން އާއި ދެމީހުން އެހީތެރިކަމާއި އެކު އޭނާގެ ހަށިގަނޑު ބޯޓަށް ނަގާފައިވޭ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ހަންތަކެއް ޖަހައިގެން އެރަށުގެ ބަނދަރުގެ ބޭރު ތޮއްޓަށް އެރުވި ކަމަށާއި، ކަނޑު ފެއްތީ އޭނާގެ ހައިގައި ވެލި ބަސްތާތަކެއް އެއްސުމަށްފަހުގައި ކަމަށެވެ.

ލުތުފަރިގެ މަރުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ބޯޓަށް އޭނަ އެރުވުމަށްފަހު، އޭނާ ލައިގެން ހުރި ފަޓޫލޫނު ބާލާ، އެހެން ފަޓުލޫނެއް ލައްވާ، އާއްމުކޮށް އޭނަ ނިދަން އޮންނަ ތަންމަތީގަ އޭނަ ބޭއްވި. އެހެން އެކަން ކޮށްފައި އެވަނީ ބޯޓަށް އަރާ މީހަކަށް އޭނަ ފެނިއްޖެ ނަމަ، އޭނަ އެ އޮންނަނީ ނިދާފަ ކަމަށް ދެއްކުމުގެ ގޮތުން. އެއަށްފަހު އޭނާގެ ހަށިގަނޑަށް ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށްފަހު 2019 އެޕްރީލް 22 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ލުތުފަރު ހަށިގަނޑު ކަނޑު ފެއްތުމަށް ނިންމާ، ތިން މީހުން ވެގެން އޭނާގެ ހަށިގަނޑު ކުރިމަގު ބޯޓު އޮތް ދިމާ ފަޅުތެރެއަށް ގެނައިކަން ފާހަކޮށްލެވޭ. އަދި ބޯޓުގައި ފެން އެޅުމަށް ބޭނުންކުރާ ވިހި ލީޓަރުގެ ތިން ހަން އެ ފަރާތްތަކާއި އެކު މޫދަށް ބާލައި، އެ ތިން މީހުންވެސް މޫދަށް ފޭބުމަށްފަހު އެ ހަންތަކުގެ އެހީގައި ލުތުފަރުގެ ހަށިގަނޑު މޫދުގައި ދަމާފައި ގެންގޮސް އެ ދިމާ ބޭރު ތޮށިމަތިން ކަނޑާއި ވީ ދިމާ ބޭރަށް ހަށިގަނޑު ބާލާފައިވޭ. ދެން އެމީހުން ގެނައި ދެ ގޯންޏަކަށް، އެ ތޮށިގަނޑު މަތިން ހިލައާއި ވެލި އެޅުމަށްފަހު، އޭނާގެ ފަޔާއި، އުނަގަނޑުގައި އައްސާފައިވޭ. މި ދެންނެވި ދެ ބަސްތާގެ އިތުރުން ބޮޑު ގަލެއް އޭނާގެ ހަށިގަނޑުގައި އެއްސުމަށްފަހު، ހަންތަކުގެ އެހީގައި އެ ދިމާ ބޭރަށް އޭނާގެ ހަށިގަނޑު ގެންދިއުމަށް އެމީހުން މަސައްކަތް ކުރި. އެހެންނަމަވެސް، ބަސްތާތަކުގެ ބަރު ބޮޑުވުމުން އޭނާގެ ހަށިގަނޑު ނުގެންދެވުމުން، އެއް ބަސްތާ މޮހާލުމަށްފަހު، ބާކީ ހުރި އެއްޗެއްސާއި ހަންތަކާއި އެކު ކަނޑަށް ދޫކޮށްލަން ނިންމި. އަދި އޭނާގެ ހަށިގަނޑުން ހަންތައް ނައްޓާލުމަށްފަހު، ދެން ހުރި ބައިތަކާއި އެއްކޮށް އޭނާގެ ހަށިގަނޑު އަޑިއަށް ފައްތާލިކަން ފުލުހުންގެ ތަޙުޤީޤަށްވަނީ ޔަޤީން ކުރެވިފަ. ދެން އެ ހަންތައް ހިފައިގެން އެ ތިން މީހުން ފަތާފައިގޮސް ބޯޓަށް އެރުމަށްފަހު، އެ ރޭ އެމީހުން ނިދުމަށްފަހު، އެރޭ ފުރުމަށް ބޯޓުގެ ކެޕްޓަން އައުމުން، ލުތުފަރު ކޮބައިތޯ އެމީހުން ކައިރި ސުވާލުކުރުމުން އެމީހުންނަށް ލުތުފަރު ވީ ތަނެއް ނޭނގޭކަމަށް ބުނެފައިވާ ކަމަށް ތަޙުޤީޤަށް ވަނީ އެނގިފަ. އަދި އޭނާ ފެނޭތޯ ރަށުތެރެ ބެލުމަށްފަހު ނުފެނުމުން، ބޯޓު ވަނީ މާލެދިއުމަށް ފުރާފަ." ޝިފާޢު ވިދާޅުވިއެވެ.

ހަމައެހެންމެ، މި މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝިފާޢު ވިދާޅުވީ، އޭނާ މަރާލާފައިވާކަމަށް އެ ތިން މީހުންވެސް އެއްބަސްވެފައިވީ ނަމަވެސް، އޭނާ ގައިގައި ބަސްތާތަކެއް އެއްސުމަށްފަހު ކަނޑަށް ދޫކޮށްލި ވާހަކަ ތަޙުޤީޤުގައި ބުނެފައި ނުވާ ކަމަށެވެ.

ލުތުފަރުގެ މަރާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"ފުލުހުންގެ ތަޙުޤީޤުގައި، ލުތުފަރު މަރާލާފައިވާ ކަމަށް އެއްބަސްވެފައި ވީ ނަމަވެސް އޭރު ބުނެފައިވަނީ އޭނާ މަރާލުމަށްފަހު ކަނޑަށް ދޫކޮށްލާފައިވާ ކަމަށް، އަދި އެއްވެސް ބަރެއް އައްސާފައި ނުވާ ކަމަށް. އެހެންކަމުން ކަނޑުގެ އަޑީގެ ސަރަހައްދު ސާރޗް ކުރުމަށް މާލެއިން ޕޮލިސް ޑައިވިން ޓީމެއް ހަމަޖައްސާ، އެމީހުން އޭނާ ކަނޑަށް ދޫކޮށްލި ކަމަށް ބުނާ ސަރަހައްދު ޑައިވް ޓީމުގެ އެހީގައި ސްނޯކަލް ކޮށް، އަދި ޑައިވް ކޮށްގެން ބެލިފައިވޭ. އަދި އިތުރު ފުލުހުންގެ އެހީތެރިކަމާއި އެކު ޅައިމަގު ވަށައިގެންވެސް ސްނޯކަލް ކުރެވިފަވޭ. އަދި ފުލުހުންގެ މި ހޯދުންތަކުން ޅައިމަގުގެ ބޭރު ތޮއްޓާއި ދިމާ ބޭރުން، ލުތުފަރު ކަނޑުފެއްތުމަށް ބޭނުން ކުރި ބަސްތާ ތަކާއި، ހިލަޔާއި، އޭނާގައިގައި އައްސާފައިވާ ވައު ތަކާއި، އަދި އެ ދިމާ ބޭރުގެ 27 މީޓަރު އަޑިން އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ އިންސާނެއްގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފެނިފަ. އަދި ލުތުފަރުގެ ހަށިގަނޑު ފައްތާލި އިރު ލައްވާފައިފައިވާ ކަމަށް ޤަބޫލުކުރެވޭ ފަޓުލޫނެއް ވަނީ ފެނިފަ. އަދި އެ ސަހަރައްދުން އޭނާގެ ހަށިގަނޑުގެ އިތުރު ކަށިތައް ވަނީ ހޯދިފަ. ހަށިގަނޑުގެ ހުރިހާ މަސްތަކެއް ކަށިތަކުން ވަކިވެ، ކަށިތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަންވެސް ތަޙުޤީޤަށް ވަނީ ފާހަގަ ކުރެވިފަ." ޝިފާޢު ވިދާޅުވިއެވެ.

އިތުރަށް ޝިފާޢު ވިދާޅުވީ، ލުތުފަރާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން ލިބިފައި ނެތް ކަމަށާއި، އަދިވެސް މި މައްސަލައާއި ގުޅިގެން ހޯދަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ލުތުފަރާއި ބެހޭ އެއްވެސް މަޢުލޫމާތެއް ރަސްމީ ފަރާތަކުން އަޅުގަނޑުމެންނަށް އަދި ލިބިފައެއް ނުވޭ. އަދި ކަނޑު އަޑިން ފެނިފައިވަނީ އޭނާގެ ހަށިގަނޑުކަން 100 ޕަސަންޓް ދަންނަވަން އުނދަގޫ ވިޔަސް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ އެއީ އޭނަގެ ހަށިގަނޑުކަން. އަޅުގަނޑުމެން މި ދަނީ އެކަން އިތުރަށް ޔަޤީން ކުރުމަށް ކުރަންޖެހޭ ސައިންޓިފިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް މިހާރު ވަނީ އޭނާގެ އާއިލާ އާއިވެސް ވާހަކަދެއްކޭގޮތް މެދުވެރިވެފަ." ޝިފާޢު ވިދާޅުވިއެވެ.

ހައްޔަރުކޮށްފައި ތިބި 4 މީހުންގެ ތެރެއިން ލުތުފަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ވެފައިވަނީ 3 މީހުންނެވެ. މި 4 މީހުންގެ މައްޗަށް 15 ދުވަހުގެ ހުކުމެއް މީގެ ކުރިން ކޯޓުން ކޮށްފައިވާއިރު، މިއަދުވެސް ވަނީ 15 ދުވަހުގެ އިތުރު ހުކުމެއް ކޮށްފައެވެ. ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި އަދިވެސް ހޯދަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަން

    އުމަރަށްވެސް ހަމަ މިމީހުން އޯކޭއީތަ ؟؟ ކިހާ ދެރަވެއްޖެ ކަމެއްމީ! މިމީހުން ދިވެހީން މަރާދުވަހު ވެސް ހަމަ މަށަށްވެރިކަން މަށަށްވެރިކަން ކިޔާލަ ކިޔާލާ ތިބޭނީދޯ ؟ އާ އެހެންޏާ މިކަމާއިގެން އުޅޭކަށް ނުކެރޭވިއްޔަ! މަށަށް ހީވަނީ ދިވެހި ސިޔާސީ ވެރިންބޭނުންވަނީ އަސްލު ބަންގާޅިންގެ ވެރިކަންހެން! އެހެންޏާ އަހަރެމެން މަރުވިޔަސް އެމީހުން ހިމާޔަތް ކުރެވޭތޯ ބަލާވިއްޔަ!

    3
    1
  2. މީވެސްޤައުމެއް

    މިހާރު ދަސްވެއްޖެ މަށައްވެސް،

  3. ނޫރު

    އެއްޖިންސުން ގުޅުން ހިންގަން އުޅުމުން އޭނާ ޕޮލިހާއި ހަވާލު ކުރީމަ ނިމުނީދޯ..މަރާލުމަކީ ބޮޑް ޖަރީމާއެއް، އަދަބު ލުއިކުރުމަށް އެފަދަ ހުއްޖަތު ދައްކަނީ، ބަންގާޅަ މީހުން ވ ކުރާކަމަކޯ އެއީ.

    18
  4. ޡ

    ގަވައިދާ ހިލާފަށް އުޅޭ، ކުތްކުރާ ބޭރުމީހުންތަށް ގައުމަށް ފޮނުވާލާ... ކިތަށް ބަންގާޅީން ދިވެހި އަންހެން ކުއްދިންނާ ބެހެނީ، އުންދަގޫ ކުރަނީ. އިމިގްރޭޝަން އަކަށް ދުވަހަކު ވެސް ގަވައިދާ ހިލާފަށް އުޅޭ ބޭރުމީހުން ޑީޕޯރޓެއް ނުކުރެވޭ. ވަރަށް ދެރަ ކަމެއް މީ.

    18
    2
  5. ހަސަން

    ތިގޮތަށް ކިޔާދީބަލަ ރިލްވާންގެ ވާހަކަ

    10
  6. ވަސްވާސް

    ތިމަރުގެ ކުރިން މަރުވެދިޔަ އަންހެންމީހާ ގެ ތަހުޤީޤު ކުރިޔައް ނުދިޔައީ ކީއްވެތޯ