އައްޑޫ ސިޓީގެ މަގުތަކުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައި މިވަނީ، މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތް ކުރައްވަމުންމެވެ.

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ޓެގު ކުރައްވާ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އައްޑޫ އަވަށު މަގުތަކުގަވެސް ސިނގިރޭޓް ބުއިން ހުއްޓުވަން ޖެހޭ،" ކަމަށެވެ.

މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ، ރޭ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ. މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އަށް މެމްބަރެއްގެ އިއްތިފާޤުން މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމި ނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ ހަމަސް ދުވަސް ފަހުން ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މިހާރު ވެސް އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޤާނޫނުގައި މަނާ ކޮށްފައިވާ ކަމެކެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރަން ޤާނޫނީ ހުރަހެއް ނެތެވެ.

ނަމަވެސް އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާސްކޮށްފައިވާ ޤާނޫނު އެންމެ ރަނގަޅަށް ތަންފީޒެއް ނުކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމައިނާ ކުރެވޭނެ ކަމަށް ޤާނޫނު ބުނެއެވެ. މިހާރު ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ޤަވައިދެއް މީގެ ފަސް މަސް ކުރިން ވަނީ ގެޒެޓް ކޮށްފައެވެ. އެޤަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން ދުންފަތުގެ ދުމުގެ އަސަރު ކޮށްގެން ވެސް ނުރައްކާތެރި އެތައް ބައްޔެއް ޖެހޭކަން ސައިންސްގެ އެތައް ހޯދުމަކުން ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާހިރު ހެޔޮއެދޭ

    އައްޑޫގެ ވާހަކަ ނިޒާރު ދައްކަނީ ކޮން ހައިސިއްޔަތަކުންތޯ؟ ޢެއްވެސް ހައިސިއްޔަތެއްނެތި އަނގަ ނުތަޅަބަލަ. ތިއެކޭ މަދިޔެގެ މަކޮޔައެކޭ މިހާރު ނެތޭ ތަފާތެއް. ތިއަށްވުރެ އަނގަ ހަޑި އިންސާނަކު ނެތްކަން ރާއްޖޭގެ އެންމެހާ ރައްޔިތުން ހެކިވޭ. ވީމާ މި ރޯދަމަހު މީހާ އިސްލާހުވެ މިސްކިތަށްއަރާ ތިމާގެ ދުލުގެ ނުބައިކަމުން ގޯނާކުރެވުނު މީހުންގެ ކިބައިން މަޢާފަށް އެދި ފާފަ ފުއްސަވާތޯ ދުޢާކޮށް ރޯންވީ. މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ.

    12
  2. އިންސާނާ

    ތައްޔިތުންނައް ރަނގަޅުފެންވަރުގަ މަގުތައް ހަދާދީފަ ދެން އޭގެފަހުން އެމަގުތަގުގަ ރައްޔިތުން ކުރަންވީކަންތަކާ ނުކުރަންވީކަންތައް ރައްޔިތުންނައް ބުނެދީބަލަ ޖުހާހެދެން ނޫޅެ އައްޑުގެ މަގުތަކަކީ މީ ކަލޭމެންގެ ތަރިކަމުދާކަމައްހީނުކުރައްވައްޗޭ

  3. ތައިމޫރު

    އައްޑޫ މަގުތައް ހެދެންދެން މަޑުކުރޭ. މަޖިލިސް އިންތިޚާބުގަ އީ-ބުރާގެ ކޮއްކޮ ގައިމު ބުނި 500 މިލިއަން ޑޮލަރު އޮތީ ހަމަޖެހިފައޭ އައްޑޫ ތަރައްޤީކުރަން. ކޮބާ އެ ޕްރޮޖެކްޓް ޖަޒީރާ ޝާފިއު. އަދިވެސް މީހާގެ ސައިޒަށްވުރެ ބޮޑުވެގެން އުޅޭތި. ތީ ހަމަ ގޫބައްޑާމެން. ފޮނިކޮށް ދެތިން ދޮގު ހެދީމަ ދެން ބޮލަށް ތެޔޮއަރައިގެން ސޯޝަލް މީޑިއާ ކުޑަކުރާނެ. އެންމެފަހުން ކަން ނިމޭއިރު މިއިން މީހަކަށް މުލިއާގެ ގަރާޖުންވެސް ވަޒީފާއެއް ނުލިބޭ. އެހެންތާވާނީ ބޮލެކޭ މީދާކޭ އުނބެކޭ ހަމަ އެއްވެސް ތަފާތެއްނެތް. އަހަރެމެން ބޭނުންވާ ބީޓަކަށް މި ގުނބޯތައް ނަށާނެ. ވަރަށް ސަލާމް.

  4. ކޮއިމަލާ

    މާލޭގެ މަގުތަކުގައި އެންމެގިނައިން ސިގިރޭޓް ބޮނީ ބަންގާޅީންނެވެ.އަދި ކުޅުޖަހަނީވެސް އެމީހުނެވެ.ބަންގާޅީންނަށް މަނާ އެއްވެސް ކަމެއް މާލޭ މަގުތަކުގައި ނެތެވެ.ކުޑަކުދިން،އަންހެނުން،މުސްކުޅިންނަށް ހިނގާލަން އޮންނަ ދުވާރު މަތި ބަނދުކޮށްގެން ތަންތަންކޮޅުގައި ފުނިޖެހިފައި އެތިބެނީ ބަންގާޅީންނެވެ.ބައެއް މަގުތަކުގައި ( ގުލްއަލާގޯޅި/އެނބޫގޯޅ/ބަދިފަސްގަނޑުމަގު ) މިސަރަހައްދަކީ ބަންގާޅީންގެ ގާނޫނު ހިނގާ ތަންތަނެވެ..މިސަރަހައްދުން ދާއިރު އަހަންނަށް ފީލްވަނީ އަހަންނަކީ ބީރައްޓެއްސެއްކަމަށެވެ.ވަށައިގެންވެސް ހުރީ އެމީހުންގެ ފިހާރަތަކެވެ.ބޯކޮށާ ތަންތަނެވެ.ފަހާ ތަންތަނެވެ.މަގުމަތީގައި ގޯނި ބާއްވާލާފައި ކުރުނބާވެސް ވިއްކަމުން ދަނީއެވެ.