ށ. ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބަޔަކު އަނިޔާކުރި މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.

ޖެންޑާ މިނިސްޓްރީއަށް ވެސް މި މައްސަލަ ހުށަހެޅި، މައްސަލަ ބަލަމުންދާއިރު އެ އަންހެން މީހާ ހޮޅި ދަނޑިއަކަށް ބަނދެ އަނިޔާކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި އިއްޔެ ވަނީ ދައުރުވެފައެވެ. އެ މައްސަލަ އާއި ގުޅިގެން އެ މިނިސްޓްރީން ވަނީ އަންހެން މީހާ ދައުލަތުގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ.

މި ރަހުމުކުޑަ ހާދިސާ މިހާރު ފުލުހަށް ހުށަހަޅަފައިވާކަން ހާމަކޮށް މިއަދު ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް އެކަމުގެ އަދަބު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަޙުޤީޤު ކޮށްދިނުމަށް އެދި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައި. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް، އެ ކަމުގެ އަދަބު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ." މިނިސްޓަރ ޝިދާތާގެ ޓްވީޓުގައި ވެއެވެ.

ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މީހާއަށް އަނިޔާކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން އިއްޔެ މިނިސްޓަރ ޝިދާތާ ވިދާޅުވީ، އެކަމުގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ފޯރުކޮށްދީފައި ފޯރުކޮށްދީފައި ވާކަމަށެވެ. އަދި މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަންހެން މީހާގެ އިތުރުން އޭނާގެ ދަރިފުޅުވެސް މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ފިރިމީހާ އަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭގެ އިތުރުން އެދެމީހުންގެ ފަސް ދަރިންގެ ތެރެއިން އެއް ކުއްޖެއްގެ ވެސް ސިކުނޑީގެ އުނިކަމެއް ހުންނަ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ބެލެވޭގޮތުގައި މިއަދު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކުއްޖާއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ، އަންހެންމީހާގެ އިތުރު ހަތަރު ކުދިން ތިބި ކަމަށެވެ. އޭގެތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ބައެއް މީހުން ބުނާ ގޮތުގައި އަންހެން މީހާގެ ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނދެފައި ވަނީ ބަޔަކު މަޖާ ކުރުމުގެ ގޮތުންނެވެ.