އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ރޭ ދަނަވަރު 2:00 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދަނީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

މި އެކްސިޑެންޓު ހިނގީ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއް ގޯޅިޔަކަށް އަޅާލި ވަގުތު، ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކާރުގައި ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން ހުރި ޒުވާނާއަށެވެ. އޭނާގެ ބޮލާއި މޫނުގެ އިތުރުން ހަށިގަނޑަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާއިރު، ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.