ރޭ ރަންވަރު 2:00 ޖަހާ ކަންހާއިރު ހިތަދޫ ބޮޑު މަގުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނަދީމް އިތުރު ފަރުވާ ދިނުމަށް މާލެ ފުރުވާލައިފިއެވެ.

ސ. ހިތަދޫ، މުތީ، ނަދީމް މޫސާ ރޭގެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މަލެ ފޮނުވާލާފައިވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނަދީމް އިތުރު ފަރުވާއަށް މަލެ ފޮނުވާލިއިރުވެސް ހާލު "ކްރިޓިކަލް" ކަމަށެވެ. އަދި ހޮސްޕިޓަލް އަށް ގެނައި އިރު ނަދީމްގެ މޫނަށާއި ބޮލަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅު ވިއެވެ. އަދި ނަދީމްގެ ވާތު ލޮލަށް ވެސް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.

މީގެ އިތުރުން ނަދީމަށް ފަރުވާ ދެއްވި ޑޮކްޓަރ ލަފާކޮށްފައިވަނީ ނަދީމްގެ ބޮލުގެ ނާށި ގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް އަލީ މޫސާ ވިދާޅުވެފައިވެއެވެ. އެހެން ކަމުން މިކަން ޔަގީން ކުރަން ސީޓީ ސްކޭން އެއް ހައްދަން ވެސް ޑޯކްޓަރ ވަނީ ލަފާކޮށްފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ކުރީގެ ރީތިފޮޓޯ އިމާރާތް ކުރިމަތިން ކާރެއް ގޯޅި އަޅާލިއިރު ސައިކަލުން ގޮސް ކާރުގައި ޖެހިގެންނެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.