18 ފެބުރުއަރީ 2019 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގެ ދެ މެންބަރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް، އެ ދެބޭފުޅުން ބުނެފައިވާ ކަމަށް އޭސީސީން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި އެދުވަހުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކާފައި ވަނީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.

އޭސީސީން ބުނެފައި ވަނީ އެދުވަހުގެ ޕްރެސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެ ދެމެންބަރު މިކޮމިޝަނަށް ހާޞިރުކޮށް ސުވާލުކުރެވިފައިވާ ކަމަށެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން އޭ.ސީ.ސީގެ ތަޙުޤީޤަށް އޭގެތެރެއިން އެއް ފަރާތުން ދީފައިވާ ބަޔާނުގައި އެ ފަރާތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމެއް ވެސް އެފަރާތަށް ނޭނގޭކަމަށާއި، އެއީ، ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށާއި، އާންމުކޮށް ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ޙަޤީޤަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެކަމަށެވެ.

އަދި އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ބެހި ވާހަކަ އެ މެމްބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމެއް ފާހަގަކުރިކަމެއް ބުނެދޭކަށް ނޭނގޭކަމަށްވެސް ފުރަތަމަ މީހާގެ ބަޔާނުގައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ކޮމިޝަނުގެ ތަޙުޤީޤަށް ޙާޒިރުކުރެވުނު ދެވަނަ ފަރާތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ވެސް ލިބުނުކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތަށް އެނގޭކަމަށް ދޭހަވާ މޭރުމުން އޭނާ ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން އޭނާ ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށާއި އެއީ އޭނާ ސިޔާސީގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ ވާހަކައަކީ އެކިއެކި މީޑިޔާތަކުގައާއި އެކިއެކި މަރުޙަލާތަކުގައި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާ ދައްކާފައިވާ ވާކަތަކެއް ކަމަށާއި، އެއްވެސް މީހަކަށް އެ ފައިސާ ލިބުނުކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑެއް ވެސް އޭނާ ނާހާކަމަށެވެ.

އޭސީސީން ބުނެފައި ވަނީ އެ ވާހަކަތަކަށް ބަލާ، ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، މީގެ ކުރިންވެސް އެފަދަ ބައެއް ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ޙާޒިރު ކުރެވުނު ބައެއް ފަރާތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެމެ، އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހޯދުމެއްނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.