ޗިކުންގުންޔާ ޖެހިގެން ހާލު ދެރަވި އެއްވެސް ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން ނުދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޗިކުންގުންޏާ ޖެހިގެން ހާލު ސީރިއަސްވި އެއްވެސް މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން ނުދާކަމަށެވެ.

ޗިކުންގުންޔާ ޖެހިގެން ހާލު ސީރިއަސްވި ކުއްޖަކަށް އެހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަން އޭނާ ވިދާޅުވިއެވެ.

ނަމަވެސް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރ ޑރ.ފައިސަލް މިއަދު ވެސް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗިކުންގްޔާ ޖެހިގެން ސިކުނޑިއަށް އިންފެކްޝަންގެ އަސަރު ކޮށްފައިވާ ދެކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. ޑރ.ފައިސަލް ވިދާޅުވީ ދެކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި މީގެ ކުރިން ވެސް ޗިކުންގްޔާ ޖެހިގެން ސިކުނޑިއަށް އިންފެކްޝަންގެ އަސަރު ކޮށްފައިވާ ކުދިން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހޮސްޕިޓަލުގެ އައިސީޔޫގައި ހާލުދެރަ ކުދިންތަކަކަށް ފަރުވާދެމުންގެންދާކަމަށާއި އެހެންނަމަވެސް ޗިކަންގުންޔާ ޖެހިގެން އެއްވެސް ކުއްޖަކަށް ފަރުވާ ދެމުން ނުދާކަމަށެވެ.

މިއަހަރު ޗިގުންގްޔާ ފެތުރުން ދަނީ އަދިވެސް އިތުރު ވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޗިކުންގްޔާ ޖެހިގެން 846 ކޭސް ރިޕޯޓުކޮށްފައިކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މިއީ 2006 ވަނަ އަހަރު އައި ޗިކުންގުންޏާ އައުޓްބްރޭކަށްފަހު އެންމެ ގިނައިން ޗިކަންގުންޏާ ޖެހިގެން ރިޕޯޓުކުރަމުންދާ ދުވަސްވަރުކަން އެއިދާރާއިން ފާހަގަކުރެއެވެ.

ޗިކުންގުންޔާ އިން ސަލާމަތް ވުމަށް މަދިރި އުފެދޭ ތަންތަނަށް ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    އެގޮތައް ބުނި ޑޮކްޓަރު ހައްޔަރު ކުރާންޖެހޭ. މިހާ މަކަރު ހަދާ ދޮގު ހަދާ ޑޮކްޓަރަކަށް ދެން ކޮންބަލި މީހެއްތަ ބެލޭނީ.

    4
    16
    • ހުސޭނުބޭ

      މަށަށް ފެންނަނީ އައިޖީއެމްއެޗް ހައްޔަރުކުރަން! ސަރުކާރުގެ ކަޑަކަން ހާމަވާތީ ކަނޑައެޅިގެން ދޮގުހަދާތީ! ޑަކްޓަރ ހައްޔަރުކުރުމުގެ ކުރިން އައިސީޔޫގެ އެއަރކޯން ރަގަޅުކޮށްފިންތޯ އަހައިލަބަލަ!

      13
      1
  2. ޖުނާ

    މިހާރުތިހިރަ ހެލްތު މިނިސްޓަރ ބަދަލުކޮށްގެން ނޫނީ މިކަމެއްނުވާނެ.އޭނަ އެހެރީ ބޮޑުތަނުން ފެއިލްވެފަ.އޭނަބުނީ އައިޖީއެމްއެޗް ހިންގުމުގައި ހެލްތުމިނިސްޓްރީގެ އެއްވެސް ރޯލެއްނޯންނާނެޔޭ.ދެން ކޮންކަމެއް ރަނގަޅުވާނީ.

    5
    1