މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓުވިޓާރ އެކައުންޓް ހެކް ކުރަން ބަޔަކު މަސައްކަތް ކޮށްފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި މަހު 14 ވަނަ ދުވަހުން ފެށިގެން އާންމުގެ ފަރާތުން އެ އިދާރާގެ ޓުވިޓާއެކުންޓުން ގޮތް ނޭނގޭ ކަންތަތަކެއް ފާހަގަ ވެފައިވާތީ ދިމާވެފައިވާ މައްސަލަތަށް ހައްލުކުރަން ވަގުތީ ގޮތުން އެއިދާރާއިން ޓުވިޓާ ބޭނުން ކުރުން ހުއްޓާލާފައިވާކަމަށެވެ.

ޓުވިޓާ ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އެއިދާރާގެ ހޮޓްލައިން ނަންބަރު އަދި އީމޭއިން މެދުވެރިކޮށް އާންމުނަށް އެއިދާރާއަށް މުއާސަލާތު ކުރެވޭނެ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހާންމަ ކުރިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފައިވަނީ 2016 ވަނަ އަހަރުއެވެ.

މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 19 މާއްދާގެ ދަށުން، ޓެރަރިޒަމުގެ ޢަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ބައެއް މަސައްކަތްތައް

1. އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.

2. ޓެރަރިޒަމުގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.

3. ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު އެއްކޮށް، އެނަލައިޒްކުރުން.

4. ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

5. ޓެރަރިޒަމުގެ ޢަމަލު ހިންގާ ފަރާތްތަކާއި، އެފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި، ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

6. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްހަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.

7. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މަޢުލޫމާތާއި ތަމްރީނު ދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

8. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާޢީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާބެހޭ ދިރާސާތައް ހަދައި، މިފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށްޓަކައި އިޖުތިމާޢީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.

9. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި، ޓެރަރިޒަމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާއި، އެފަދަ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތަށް) ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.

10. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.

11. ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.